މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކްއަރީ" އަށް މައުލޫމާތު ހޯދަން ކާނަލް ނަސްރުﷲ އިބްރާހިމް މަޖުދު 241 ކޮމިޓީއަށް ހާޒިރު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓަރީ އިންކުއައިރީގައި ކާނަލް ނަސްރުﷲ ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.

މި ކޮމިޓީއަށް ސިފައިންނާއި ފުލުުންގެ ތެރޭގައި އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބަޔަކު ހާޒިރު ކޮށްފައިވާ އިރު، ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެނެވެ.

ކޮމިޓީގެ އިއްޔެގެ ބައްދަލުމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ހާޒިރުކޮށްފައިވާ އިރު، މި މަހުގެ 7 ވަނަ ދުވަހު ވަނީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހާޒިރުކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހު ކޮމިޓީގެ ބައްދަލުވުމަށް ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާޒިރު ކޮށްފައެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ އެދުވަހުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އޭގެ އިތުރުން މަޖިލީހުގެ 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވެސް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ.