ރައްޔިތުން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްސަލަ ބަލަން ނުފެންނަކަމަށް މެންބަރުން ވޯޓް ދެއްވިގޮތުގެ މައުލޫމާތު ލީކުވި މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށައަޅައިފިއެވެ.

އިމްތިޔާޒު ކޮމިޓީގައި ޒަމީލުގެ މައްސަލަ ބަލަމުން ދިޔަ ބައްދަލުވުމަކީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއެވެ. ސަނީފް އަކީ އިމްތިޔާޒު ކޮމިޓީން ބަލަމުން ދިޔަ ޒަމީލްގެ މައްސަލަ ބަލަން ނުފެންނަކަމަށް ވޯޓްދެއްވި މެންބަރެކެވެ.

ސަނީފުގެ އިތުރުން އެމްޑީޕީގެ 3 މެންބަރެއް ޒަމީލްގެ މައްސަލަ ބަލަން ނުފެންނަކަމަށް ވޯޓް ދެއްވިއެވެ. އެއީ މިލަންދޫ ދާިއރާގެ މެންބަރު އަލީ ރިޒާ އާ، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެންބަރު އަލީ ވަހީދެވެ.

މެންބަރު ސަނީފް ހުށައެޅުއްވި މައްސަލަ އާ ގުޅިގެން މިއަދު މެންދުރު 14:00 ގައި ވަނީ އިމްތިނާޒު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ.