ޓްރާންސްޕޯޓް އޮތޯރިޓީން ސެލްފް ކަލެކްޝަން ސްޓޭޝަންގެ ހިދުމަތްދޭން ފަށައިފިފިއެވެ.

އެ އޮތޯރިޓީން ބުނީ އެ އޮތޯރިޓީން ދޫކުރަމުންދާ ލައިސަންސް ކާޑާއި ރަޖިސްޓަރީތައް ދެން ދޫކުރަމުންގެންދާނީ އެ އޮފީހުގެ 2 ވަނަ ފަންގިފިލާގައި ބަހައްޓާފައިވާ ސެލްފް ކަލެކްޝަން ސްޓޭޝަންއިން ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މި ކަމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އަވަސް ކުރުމާ ފަސޭހަ ކުރުމަށްޓަކައި ކުރެވޭ ކަންތައްތައް ކަމަށެވެ.

އަދި އޮތޯރިޓީއިން ދޭ ހިދުމަތްތައް ނިމުމުން މިނިސްޓްރީގެ 2 ވަނަ ފަންގިފިލާގައި ބެހެއްޓިފައިވާ ކަލެކްޝަން ސްޓޭޝަން އިން ރަޖިސްޓްރީއާ ލައިސެންސް ކާޑުތައް ނެގޭނެ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާލުވެފައިވެއެވެ.

މި ހިދުމަތް 24/7 ގައި ލިބެން ހުންނާނެ. ކާޑެއް ނުވަތަ ރަޖިސްޓްރީއެއް ބަލާ ރަސްމީ ގަޑީގަ ދެން އޮތޯރިޓީއަށް އަންނާކަށް ނުޖެހޭނެ
މިނިސްޓަރު ނަހުލާ

މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވެފައިވަނީ ކަސްޓަމަރުން އެދިފައިވާ ހިދުމަތް ނިމުމުން އެ ކަސްޓަމަރެއްގެ ފޯނަށް ޕިން ކޯޑެއް މެސެޖަކުން ފޮނުވާލެވޭނެ ކަމަށެވެ. އަދި ކަސްޓަމަރު އައިސް ޕިން ކޯޑު ޖެހުމުން އެ ލޮކަރެއް ހުޅުވި އެފަރާތަކަށް ލައިސެންސް ކާޑެއް ނުވަތަ ރަޖިސްޓްރީއެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.