މި މަހުގެ 7 ވަނަ ދުވަހު ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި 2 ރޭލެއް ޖެހި އެކްސިޑެންޓްވެގެން ހިނގި ހިތާމަވެރި ހާދިސާއަކީ، އެތައް ބައެއްގެ ދިރިއުޅުން ބަނަކޮށްލި ހާދިސާއެކެވެ.

މި ހާދިސާއާ ގުޅިގެން މިފަދަ ތަޖުރިބާއެއް ކުރަން ޖެހިފައިވާ އެކަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން 2 ފަހަރަށް ފަސް ކުރި ކައިވެނި ހަފުލާއަކަށް ދިޔަ އާއިލާ މެންބަރުތަކެއް މަރުވުމުގެ ހިތްދަތި ވޭން އުފުލަމުން އަންނަ މީހެކެވެ. ކައިވެނި ހަފުލާ އެންމެ ފަހުން ބަދަލު ކުރަން ޖެހުނީ، އާއިލީ ޖަނާޒާއަކަށް ކަމަށް އޭނާ ބުނެއެވެ.

ރޭލު އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 60 އަށް ވުރެ މައްޗަށް އަރާފައެވެ. ހާދިސާ ހިނގާފައިވަނީ، ކަރާޗީން ފުރައިގެން ދަތުރު ކުރަމުން ދިޔަ މިއްލަތު އެކްސްޕްރެސްގެ ރޭލު، ދަގަނޑުމަތިން ކަހާލައިގެން އެހެން ޓްރެކަކަށް އަރައިގެންނެވެ. މަގުން ކައްސާލި ރޭލުގައި ޖެހި، އެކްސިޑެންޓްވީ، ސިރް ސައީދު އެކްސްޕްރެސްގެ ރޭލެކެވެ. މި ރޭލު ދުއްވާފައި އައީ މިއްލަތު އެކްސްޕްރެސްގެ ރޭލާ އިދިކޮޅަށެވެ. އަދާ ޖެހުނުއިރުވެސް، މިއްލަތު އެކްސްޕްރެސްގެ ރޭލު، ދަގަނޑުމަތިން ކަހާލި ސަބަބެއް ސާފެއް ނުވެއެވެ.

ޖޫން 7، 2021 ވަނަ ދުވަހު ޕާކިސްތާންގައި ހިނގި ރޭލު އެކްސިޑެންޓްގެ ތެރެއިން / ފޮޓޯ: ބީބީސީ

އެކްސިޑެންޓްވި ސަރަހައްދުން ރޭލުތަކުގެ ބައިތައް ނަގާ ސާފު ކުރުމަށް، އިންޖިނޭރުން ވަނީ އެއްދުވަހާއި ބައިގެ މުއްދަތެއް ހޭދަކޮށްފައެވެ.

ހާދިސާ ހިނގި ސަރަހައްދާއި ކައިރި ހިސާބެއްގައި މަގުތައް އަޅާފައި ނެތުމުގެ ސަބަބުން، ބައެއް މީހުން ހޮސްޕިޓަލުތަކަށް ގެން ގޮސްފައި ވަނީ ޓްރެކްޓަރުތަކުގައި ކަމަށް ހަބަރު ލިބެއެވެ. ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާކަމާށް މައުލޫމާތު ލިބެއެވެ.

ކައިރި ހިސާބެއްގައި ދަނޑުބިމެއް ބަލަހައްޓަމުން ދިޔަ ޝޭރް މުހައްމަދަކީ، ހާދިސާ ހިނގި ވަގުތު، ދަނޑުތަކަށް ފެންދޭން ހުރި މީހެކެވެ.

"ހާދިސާއަށް ފަހު މުޅިންވެސް އިވެމުން ދިޔައީ ރުއިމާއި ހަޅޭކުގެ އަޑު. އަނިޔާ ލިބި، ހަށިގަނޑުގައި ވޭން އަޅަމުން ދިޔަ މީހުންގެ އަޑު. އަވަށު މީހުންނާއެކު އަހަރަމެން އަވަސްވެގަތީ އެ ސަރަހައްދަށް ދާން. ފެނުނީ ބިރުވެރި މަންޒަރެއް. އަހަރަމެން ފެންވެސް ގެންގޮސްދިނުން. އަދި ކުޑަކުދިންތައް ނަގައިދިނިން. ރޭލު ތެރެއިން ނިކުންނަމުން ދިޔަ މީހުން ތިބީ ވަރަށް ހާލުގަ. އަހަރަމެން އެމީހުންނަށް ބޯފެން ފޯރުކޮށްދިނިން" ޝޭރު މުހައްމަދު ކިޔައިދިނެވެ.

ރޭލްވޭ އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޖަހާން ޒީބު ބުނީ، މިއީ ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައިވެސް އޭނާ ދުށް، އެންމެ ގެއްލުން ބޮޑު ހާދިސާ ކަމަށެވެ.

ބޮޑުވަޒީރު އިމްރާން ހާން ވަނީ، ހޯމަ ދުވަހުގެ ހާދިސާއާ ގުޅިގެން ޓްވީޓް ކުރައްވާފައެވެ. މި ހާދިސާއާއެކު ސިހުން ގެނުވި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި ހަދިސާގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށް ގެންދަވާނެ ކަމަށް އިމްރާން ވަނީ ވައުދުވެވަޑައިގެންފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން / ފޮޓޯ: އިންޑިއާ ވެސްޓް

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުގައި ރޭލު އެކްސިޑެންޓް އާންމު ވެފައި ވަނީ، ރޭލު ދަގަނޑުތައް އެކަށީގެންވާ ގޮތެއްހައި ބެލެހެއްޓެމުން ނުދާތީއެވެ. މީގެ އިތުރުން ރޭލުތައް ބާވުމާއި، ސިގުނަލް މައްސަލަ ޖެހުން ފަދަ ސަބަބުތައް ހިމެނޭ ކަމަށްވެސް، ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ފާއިތުވީ އަހަރުތަކަށް ބަލާއިރު، މިފަދަ ރޭލު އެކްސިޑެންޓްތަކަކީ ޕާކިސްތާނުގައި އާންމުކޮށް ހިނގާ ހާދިސާތަކެކެވެ. ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތަކާ ހަވާލާދީ، ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، 2013 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު ހިނގި މިފަދަ އެކްސިޑެންޓްތަކުގައި 150 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.