ކޮވިޑް ފެތުރުން އިތުރުވުމާ ގުޅިގެން ހަރުކަށިކޮށްފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދަންމާލަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ މެއި މަހަކީ ކޮވިޑްގައި މިހާތަނަށް ހޭދަކުރި އެންމެ އުނދަގޫ މަސް ކަމަށެވެ. ފިޔަވަޅުތައް ހަރުކަށި ކުރި ފަހުން ބައްޔަށް ޕޮޒިޓިވްވާ ރޭޓް ދަށަށް ދިޔަ ކަމުގައި ވިޔަސް އަދިވެސް ފިޔަވަޅުތައް ހިފަހައްޓަން ޖެހޭ ކަމަށާއި އެހެންވެ ޓެގް ޓީމުގެ ލަފަޔާ އެކު އިތުރު އެއް ހަފުތާ އަށް ފިޔަވަޅުތައް ދަމަހައްޓަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދިވެސް ނިއު ނޯމަލް އަކަށް ދިޔުމަށްޓަކައި ޕޮޒިޓިވް ވާ އަދަދު ދަށްކުރަން ޖެހޭކަން ގަބޫލުފުޅު ކުރައްވާ ކަަމަށް ރައީސް ވިދާޅުވިއެވެ. އެއް ހަފްތާއަށް ދިގު ދަންމާލުމަށް ފަހު ކޭސްތައް ދަށް ނުވެއްޖެ ނަމަ ފިޔަވަޅުތައް އިތުރަށް ދަހަމައްޓަން ޖެހޭނެ ކަމަށާއި، ނަމަވެސް އަދަދުތައް ދަށް ވާނަމަ އިތުރު ލުއި ތަކާއެކު އިތުރު އެއްހަފްތާއަށް ފިޔަވަޅުތައް ދަމަހައްޓާނެ ކަަމަށް ވެސް އެމނަިކުފާނު ވިދާޅުވިއެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތައް:

  • މާލެ ސީޓީގައި ހަވީރު 4:00 އިން ހެނދުނު 8:00 ކާފިއު, އެ ނޫން ވަގުތުގައި ހުއްދައާއެކު ބޭރުގައި އުޅުން.
  • މިސްކިތުގައި ނަމާދު ކުރުން މަނާ.
  • ރެސްޓޯރެންޓުގައި ކެއިންބުއިން މަނާ.
  • ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަމައެކަނި ހެނދުނު 8:00 އިން ހަވީރު 4:00އަކަށް.
  • ޒަރޫރީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން.
  • މޮނީޓަރިންގައި ހުރި ރަށްތަކުގައި ހަވީރު 4:00 އިން 8:00 އަށް ކާފިއު.
  • ސަރުކާރު އޮފީސްތައް ބަންދު.

މިއަދުގެ ޕްރެސްގައި ރައީސްގެ އިތުރުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ޑރ. ނަޒްލާ މުސްތަފާ ބައިވެރިވެވަޑައިގަތެވެ.

ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވި ގޮތުގައި މިފަހަރު ލުއިތައް ދޭނީ މަޑުމަޑުން، ހާލަތަށް ބަލައިގެން ކަމަށެވެ. ރައީސް ވެސް ޕްރެސްގައި ވިދާޅުވި ގޮތުގައި ފިޔަވަޅުތައް ކުއްލިއަކަށް ދޫކޮށްލުމުގެ ނަތީޖާ އޭޕްރީލް މަހު އިންތިހާބާ ދިމާކޮށް ވަނީ ފެނިފަ އެވެ. އެހެންވެ މިފަހަރު އެހެން ނުވާނެ ގޮތަކަށް ކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް ބޭރުގައި އުޅޭ ވަގުތު މަދުކުރުމާ އެކު އަނެއްކާވެސް ވަނީ ކޭސްތައް މަދުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު ވެސް މަދުވާން ފަށާފައެވެ.

މި މަސް ފެށުނު ފަހުން ކޭސްތައް މިހާރު ރިޕީޓް ކުރަމުން ދަނީ 700 އާއި 400 އާ ދެމެދުގައެވެ. އިއްޔެގެ އިރުއޮއްސި 6:00 އާ ހިސާބަށް ރާއްޖޭން ކޮވިޑްގެ 68,502 ކޭސް ފެނިފައި ވާއިރު އޭގެ ތެރެއިން 49,844 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި މިހާތަނަށް 189 މީހަކު ވަނީ މަރުވެފައެވެ.