އދ ގެ މެންބަރު ހުރިހާ ގައުމެއް ބައިވެރިވާ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު، ދިވެހިރާއްޖެއިން ކާމިޔާބު ކޮށްފިއެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހު ފަށާ އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު، ދިވެހިރާއްޖެއިން ކާމިޔާބު ކޮށްފައި ވަނީ، މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން، އދ ގެ މަރުކަޒީ އިދާރާގައި ކުރިއަށް ގެންދިޔަ އިންތިހާބުގައި، 143 ވޯޓާއެކުގައެވެ.

މި މަގާމަށް ދިވެހިރާއްޖޭގެ ފަރާތުން ނިކުންނެވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއެވެ. އދ ގެ 75 އަހަރުވީ ތާރީހުގައި ދިވެހިރާއްޖޭގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ ބޭފުޅަކީ ޝާހިދު އެވެ. އަދި ކުދި ގައުމުތަކުން ރިޔާސަތު ކާމިޔާބު ކުރެއްވި 6 ވަނަ ޑިޕްލޮމެޓްވެސް މެއެވެ.

ޝާހިދު މި މަގާމު ކާމިޔާބު ކުރެއްވުމާއެކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޝާހިދަށް މަރުހަބާ ވިދާޅުވެ، ޓްވީޓެއް ކުރައްވާފައެވެ. ރައީސް ސޯލިހުގެ ޓްވީޓްގައި، މިއީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށާ، އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ހުރިހާ ދިވެހިން ފަހުރުވެރިވާ ފަދަ މަސައްކަތްތެއް، ޝާހިދު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.

އދ ގެ އާންމު މަޖިލީހުގެ ރިޔާސަކީ ކޮންމެ ދައުރަކަށްވެސް ބަދަލުވާ ރިޔާސަތެކެވެ. މި ފަހަކަށް އައިސް ރިޔާސަތު ބަދަލު ކުރަމުން ދަނީ ގައުމުތައް އެތުރިފައިވާ ޖިއޮގްރަފީއަށް ނިސްބަތް ކޮށެވެ. އދ ގެ 76 ވަނަ އާންމު މަޖިލިސް ފެށުމަށް ތާވަލު ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހަށެވެ. އާންމު މަޖިލީހާއެކު އޮންނަ ފުރަތަމަ އާންމު ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 14-30 އަށެވެ.