2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ރަޝިއާއިން އެންމެ ފުރަތަމަ ތަރައްގީ ކުރި ސްޕަޓްނިކް-5ގެ ނަންދީފައިވާ ކޮވިޑް ވެކްސިން، ސިނާއީ ފެންވަރުގައި އުފެއްދުމުގެ ހުއްދަ، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަށް ދީފިއެވެ.

ސްޕަޓްނިކް-5 ވެކްސިން އުފެއްދުމުގެ ހުއްދަ، އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން، ސީރަމް އިންސްޓިޓިއުޓަށް ދީފައި ވާއިރު، އެންމެ ފުރަތަމަ ކުރިއަށް ދާނީ، އެ ކުންފުނީގެ ޕްލާންޓްގައި ވެކްސިން އުފައްދާ، ތަހުލީލު ކުރުމުގެ މަރުހަލާ ކަމަށާ، މި މަސައްކަތް ކުރިއަށް ދާނީ ޕޫނާ ޕްލާންޓްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހަބަރު ލިބޭ ގޮތުގައި ސީރަމް އިންސްޓިޓިއުޓަށް ދޫކޮށްފައި ވަނީ ވަގުތީ ހުއްދައެކެވެ. މި ހުއްދައަކީ ވެކްސިން އުފައްދާ، ޓެސްޓު ކުރުމުގެ ހުއްދައަކަށް ވާއިރު، ވިޔަފާރީގެ ގޮތުގައި ވެކްސިން ވިއްކުމަށް އަދި އިތުރު ހުއްދައެއް ހޯދަން ޖެހެއެވެ.

ސީރަމް އިންސްޓިޓިއުޓްގެ ތަރުޖަމާނަކު ވަނީ، ސިނާއީ ފެންވަރުގައި ސްޕަޓްނިކް-5 އުފައްދަން ފެށުމަށް އަދި މަސްތަކެއް ހޭދަވެދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު އެ ކުންފުނިން އެންމެ ހާއްސަ ސަމާލުކަމެއް ދެމުން އަންނަނީ އަސްޓްރާޒެނީކާގެ ފޯމިއުލާއަށް ތައްޔާރު ކުރާ ކޮވިޝީލްޑާއި އެމެރިކާގެ ނޯވާވެކްސް ކުންފުނީގެ ފޯމިއުލާއަށް ތައްޔާރުކުރާ ކޮވޯވެކްސްގެ ޑޯޒްތައް އުފެއްދުމަށް ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 65 ގައުމެއްގައި ބޭނުން ކުރަމުން އަންނަ ސްޕަޓްނިކް-5 ވެކްސިން، އިންޑިއާގައި ލޯންޗްކުރީ މެއި 14، 2021 ގައެވެ. އިންޑިއާގެ ވެކްސިން ކެމްޕޭންގައި ބޭނުންކުރާ ކޮވިޝީލްޑް އަދި ކޮވެކްސިންއާ ހިލާފަށް، ސްޕަޓްނިކް-5 އަކީ، 91.6 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ތަހުލީލީ ރެކޯޑްތަކުން ދައްކައެވެ.

ރަޝިއާއިން ވަނީ ސްޕަޓްނިކް-ލައިޓްގެ ނަމުގައި، 1 ޑޯޒްގެ މައްޗަށް އެކުލެވޭ ކޮވިޑް ވެކްސިނަކަށްވެސް ރުހުން ދީފައެވެ.