ރައީސް މުހައްމަަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް އިން ބުނެފިއެވެ.
ކޮމިޓީން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތާ ގުޅޭގޮތުން އިންކުއައިރީއެއް ފަށާފައިވާއިރު ކޮމިޓީގެ ބޭނުމަށް ވަކިވަކި ސިފައިން ވެސް ހާޒިރު ކުރަން ކޮމިޓީން މީގެ ކުރިން ވަނީ ނިންމާފައެވެ.
އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާއީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް ވެސް އެބަޔާނުގައި ބުނެއެވެ.
އޭގެ އިތުރުން ސިފައިންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތަކަށްވެފާ ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ހިދުމަތަށް ނިކުންނަންޖެހޭ ބައެއް ކަމަށާއި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހްތިޔާރު ލިބިފައި ނުވާ ބައެއް ކަމަށް ސިފައިންގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފާވެއެވެ.
އެބަޔާނުގައި އިތުރަށް ވަނީ ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން ބޭނުންވެއްޖެނަމަ، މުއައްސަސާއިން ފޯރުކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގައި، އިސްވެ ބަޔާންކުރެވުނު އުސޫލުތަކާ ހިލާފަށް އަމަލުކުރުމަށް، މުއައްސަސާގެ މައްޗަށް ލާޒިމްކުރާ، ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތްކަން ފާހަގަކޮށްފައެވެ.
އަދި އެ ނިންމުމަކީ ސިފައިން، ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭގޮތުން، ސިފައިންގެ ލަފާދޭ މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އެބަޔާނުގައި ބުނެއެވެ.