ސައުދީ އަރަބިއްޔާގެ މިސްކިތްތަކުގައި ބޭނުން ކުރާ ތާޅަފިލި ނުވަތަ ސްޕީކަރުތަކުގެ އަޑު ކޮންޓްރޯލް ކުރުމަށް އެންގި ސަބަބު ދިފާއު ކުރައްވާ، އެ ގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޢަބްދުއްލަތީފު އަލް-ޝައިހު ވާހަކަ ދައްކަވައިފިއެވެ.

ސްޕީކަރުތަކުގެ އަޑު އެންމެ ބޮޑަށްވެސް ގަދަ ކުރެވޭނީ އެ ސްޕީކަރެއްގެ އަޑު އެންމެ ބާރު ކުރެވޭ މިންވަރުގެ 3 ބައިކުޅަ 1 ބަޔަށް ކަމަށް ސައުދީއިން ނިންމީ ހުސްވި ހަފުތާގައެވެ. އަދި ސްޕީކަރުތައް ބޭނުން ކުރާނީ ބަންގީގެ އަޑު އިއްވުމަށް ކަމަށާ، ދިގު ތަގުރީރުތައް ދުރަށް ފޮނުވުމަށް ސްޕީކަރުތައް ބޭނުން ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މިއާއެކު، ސޯޝަލް މީޑިއާގައި ތަފާތު އެކި ގޮތް ގޮތަށް، ފާޑުކިއުންތައް ވަނީ ފެންމަތިވެފައެވެ. މި ފާޑުކިއުންތައް ދިފާއު ކުރައްވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ސްޕީކަރުތަކުގެ އަޑު ކޮންޓްރޯލް ކުރަން ނިންމީ، އަޑުގަދަ ވެގެން ލިބޭ ޝަކުވާތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. އަޑު ގަދަ ވުމުގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އުނދަގޫ ވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޓީވީ މެދުވެރި ކުރައްވާ އާންމު ކުރައްވާ ދުރަށް ފޮނުވި ބަޔާނެއްގައި ވަޒީރު އިތުރަށް ވިދާޅުވީ، ނަމާދު ކުރަން ބޭނުން މީހަކު، އިމާމު ބަންގި ގޮވަން ދެން މަޑު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެ ފަދަ މީހަކީ ނަމާދު ވަގުތު ވަނުމުގެ ކުރިން، މިސްކިތުގައި ހުންނާނެ މީހެއް ކަމަށްވެސް ވަޒީރު ވަނީ ސިފަކުރައްވާފައެވެ. ޓީވީތަކުންވެސް ބަންގިއާއި ކީރިތި ޤުރުއާން ބްރޯޑްކާސްޓް ކުރާއިރު، މިސްކިތްތަކުގެ ސްޕީކަރުތަކުގެ ބޭނުން ވަރަށް ބޮޑަށް ކުޑަ ކަމަށްވެސް ސައުދީގެ އިސްލާމިކް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އެތައް ހާސް މިސްކިތެއް ހުންނަ ސައުދީ އަރަބިއްޔާގެ ގިނަ މިސްކިތްތަކަކުން ވަނީ، ސްޕީކަރުތަކުގެ އަޑު މަޑު ކުރަން ނިންމި ނިންމުމަށް މަރުހަބާ ކިޔާފައެވެ.

ކަން މިހެން އޮތް އިރު، ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންދާ ބައެއް ފަރާތްތަކުން ދަނީ، ރެސްޓޯރަންޓާއި ކެފޭތަކުގައި އަޑު ގަދަކޮށް ލަވަޖަހަމުން ދާ ދިއުން ހުއްޓުވުމަށް ގޮވާލާފައެވެ.

ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ޝައިހް ވަނީ، މި ވާހަކަތަކަކީ ސައުދީގެ ރަސްކަމުގެ ހާންދާނުގެ އަދުއްވުން ފަތުރާ ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ.

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު، މުހައްމަދު ބިން ސަލްމާން (އެމްބިއެސް)ގެ މޭސްތިރިކަމުގެ ދަށުން، އިސްލާހީ ބަދަލުގެ ނަމުގައި ސައުދީގެ ޒަމާންވީ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.