މިދިޔަ މަހު 26 ވަނަ ދުވަހު ރޭ މާލޭގައި ހިނގި ސައިކަލު އެކްސިޑެންޓެއް ގައި މީހަކު މަރުވެފައި ވާއިރު އެތަނުގައި މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ވުމުންވެސް މަޑު ނުކޮށް ދިޔަ މީހާ އިއްޔެ 05:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވީ އެ ރޭ 10:00 ހާ އިރު އެވެ. އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން މީހާ ވަނީ އެތަނުގައި ހުރި ގާޑިއަލެއްގެ މުއްދަނޑު އޭނާގެ ކަރަށް ވަދެ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެ ފައެވެ.

މި އެކްސިޑެންޓުގައި މަރުވީ އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ އެވެ.

އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ވަނީ އެތަނުގައި މަޑުނުކޮށް ގޮސްފައެވެ.