ކާފިއު ވަގުތު ހުއްދައާ ނުލާ މަގުމަތީގައި އުޅޭ ބިދޭސީން ހުޅުމާލެ ފޭސް2 އަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ބުނީ ވާކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން، ހުޅުމާލެ ފޭސް2 އަށް ގެންދިއުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރަނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެ ބިދޭސީން ގެންދިއުމަށް ހަމަޖެހިފައިވަނީ އެ މީހުންނަށް އިކޮނޮމިކް މިނިސްޓްރީން، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަމަޖައްސައިދީފައިވާ ހާއްސަ ހިޔާވައްސަށެވެ.

ރައީސް ސޯލިހް ވަނީ އިޖްތިމާއީ ދާއިރާގައި ހުރި ކުށުގެ ތެރެއިން އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެފަދަ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމްގައި، މިހާތަނަށް 41000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރެޖިސްޓްރީ ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމިއްލައަށް އެދިގެން ގިނަ އަދަދެއްގެ ބިދޭސީން ގައުމަށް ފޮނުވާލާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.