ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން މިހާރު ނޫހުން ފޮރުވިގެން ތިބެ ޕްރޮޕެގެންޑާ ފަތުރަނީ ކަމަށް އެމްޑީޕީން ބުނުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅިގެންދާނެ ކަމެއް ކަމަށް އެޑިޓާސް ގިލްޑް އިން ބުނެފިއެވެ.

އެޑިޓާސް ގިލްޑް އިން ބުނީ "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓަކީ ދައުލަތުން މަތީ ފެންވަރުގެ ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ކަމެއް އޮތް ގޮތް، އިންވެސްޓިގޭޓިވް ނަޒަރަކުން ގެނެސްދީފައިވާ ރިޕޯޓެއް ކަމަށެވެ. އަދި ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރު ހާމަ ނުކުރުމުގެ އިހްތިޔާރު ގާނޫނު އަސާސީ އިން ނޫސްވެރިންނަށް ލިބިގެން ވާ އިރު، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ މޭރުމަކުން އެކަން ކުރުން ބަލާ ނުގަންނަ ކަމަށް ގިލްޑުން ބުނެއެވެ.

އެޑިޓާސް ގިލްޑުން އިތުރަށް ބުނީ، އެމްޑީޕީން ބަޔާން ނެރުމުގެ އިތުރުން މަޖިލީހުގެ 241 ކޮމިޓީންވެސް އެ މައްސަލަ ބަލަން މަސައްކަތް ކުރާ ކަމަށާއި، އެ ކޮމެޓީގެ ވިސްނުން ގެންގުޅޭނެ ގޮތެއް އާންނުކޮށް ހާމަ ކޮށްފައި ނުވާއިރު އެކަމުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅިދާނެ ކަމަށެވެ.

މިހާރުގެ ރިޕޯޓާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފައި ވަނީ އެ ލިޔުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި، ގަވާއިދާއި އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާއި ހިލާފަށް ހަބަރާއި މައުލާމާތު ހިމަނާފައިވޭތޯ ބަލަމުން ދާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ތަހުގީގު ކުރަމުން ދާއިރު ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ނޫސްވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނީ މިފަދަ މައްސަލައެއް ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.