ކޮވިޑްގެ ހާލަތަށް ބަލާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތެއް ކްރިމިނަލް ކޯޓުން ވަނީ މިއަދު ހެނދުނު 9:30 އަށް ތައާވަލްކޮށްފައެވެ. އެ ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ރައީސް ޔާމީން ކޯޓަށް ހާޒިރު ކޮށްގެނެވެ.

ނަމަވެސް، ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ކޮވިޑްގެ ހާލަތު އޮތް ގޮތުންނާއި ޔާމީންއަކީ ހައިރިސްކު ބޭފުޅެއް ކަމަށްވާތީ އަޑުއެހުން މި ވަގުތަށް ފަސްކޮށްދިނުމަށް އެދިފައެވެ.

އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުން މިއަދު ބުނީ، ރައީސް ޔާމީންގެ ފަރާތުން އަޑުއެހުން ކެންސަލްކުރުމަށް އެދިފައިވާތީ އަދި، ކޮވިޑްގެ ހާލަތުގައި އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ އިރުޝާދަށް ވެސް ރިއާޔަތްކޮށް، މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ދުރާލާ ތާވަލުކޮށް، އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތަކެއް ނަމަވެސް، މި ދުވަސްވަރަކީ ކޮވިޑް-19ގެ ހާލަތު ވަރަށް ނުރައްކާތެރި ދުވަސްވަރެއް ކަމަށެވެ.

އަދި މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ރައީސް ޔާމީން ސިއްހީ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ކޯޓަށް ހާޒިރު ކުރުމަކީ ގާނޫނުއަސާސީގެ 21ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަކީލުން ބުނެއެވެ.

އެހެން ކަމުން މާދަމާގެ އަޑުއެހުން ފަސްކޮށްދިނުމަށާއި ކޮވިޑް-19ގެ ބަލިމަޑުކަން ހަމައަކަށް އެޅި، އާންމު ހާލަތަކަށް ދަންދެން މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް ކްރިމިނަލް ކޯޓަށް އެދިފައިވާ ކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ އެޕްރީލް މަހު 29 ވަނަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައިވާއިރު ރައީސް ޔާމީން ވަގުތީ ގޮތުން ގެޔަށް ބަދަލުކޮށްފައި ވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އާއި ގިނަ އަދަދެއްގެ ޖަލު އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.

ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.