ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންނަށް އެންމެ އެކަށީގެންވާ ކެއުމެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމުން ބުނީ ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް އެކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން ކޮމިޝަނުގެ އެ ކޮމިޝަނުގެ ޓީމެއް މިމަހު 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން ފާހަގަ ކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަކީ ކޮވިޑް-19ގެ ބަލިމަޑު ކަމަށް ޕޮޒިޓިވް ވާ މީހުން އެޑްމިޓްކޮށްގެން ސިއްހީ ގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ދިނުމަށް ގާއިމު ކޮށްފައިވާ ތަނަކަށް ވާއިރު ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އަދަދަށާއި، ބަލިމީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
އަދި އޭގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެޑްމިޓްކޮށްގެނ ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަ ކުރެވިފައި ވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.
އެޗްއާރްސީއެމް ބުނީ ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ނަރުހުން ކަމަށް ވާއިރު ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަލިމީހުން އެޑްމިޓް ކުރުމުގެ މަސައްކަތް އެ މުވައްޒަފުން ކުރަމުން ދާއިރު އެޑްމިޓް ކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ހިދުމަތް ތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުން ދާކަން ވެސް ފާހަގަ ކުރެވިވާ ކަމަށެވެ.
އޭގެ އިތުރުން ބަލިމީހުންގެ އާއިލާތަކުން ފޮނުވާ ތަކެތި ބަލައިގަންނަ ވަކި ގަޑިތަކެއް ފެސިލިޓީ ބޭރުގައި ހަރުކޮށްފައި ވާކަމާއި، އާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެތި ބަހައްޓާ ތަނުގައި އަބަދުވެސް މީހަކު ހުންނަ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އެގޮތަށް ގެނެވޭ ތަކެތި ވަގުތުން އެ ވޯޑެއްގައި އެކަމަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ގެންދާކަމާއި، ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެ ތަކެތި ގެންދަނީ އެޓެންޑެންޓެއް ނުވަތަ ނަރުހުން ކަމަށް ވުމުން، އެ ފަރާތްތަކުގެ މަސައްކަތް ހުންނަގޮތުން ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަން ވެސް އެޗްއާރްސީއެމުން ވަނީ ފާހަގަ ކޮށްފައެވެ.
އެޗްއާރްސީއެމުން ބުނީ ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެމަތިން އެ މީހެއްގެ ބައްޔާ ގުޅޭގޮތުން ކެއުން ފޯރުކޮށްދޭ ކަމާއި، ކޮންމެ ގަޑިއަކަށް ކެއުން އޯޑަރު ކުރާއިރު، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށް ފަހު އެ އަދަދަށް އޯޑަރު ކުރާ ކަމަށެވެ. ނަމަވެސް މިފަދަ ތަނަކުން ފަރުވާ ހޯދަމުން ދާ ބަލިމީހުންނަށް ފޯރުކޮށް ދޭ ކެއުމަކީ ބަލިމީހުންގެ ހާލަތަށް ރިއާޔަތް ކުރާ އިރު، އެންމެ އެކަށީގެންވާ ކެއުމެއް ނޫން ކަން ފާހަގަ ކުރެވިފައި ވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
ބަލިމީހުން މިހާރު ތަހައްމަލު ކުރަމުން ދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާން ޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މައުލޫމާތުން ފާހަގަ ވެފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އެޗްއާރްސީއެމް އިން ބުނީ އެ ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ޕޮޒިޓިވްވާ މީހުން އެކަނި އެޑްމިޓްކޮށްގެން ބެލެހެއްޓުމަށް ގާއިމު ކޮށްފައިވާ ތަނަކަށް ވީނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭކަމަށެވެ. މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށް ވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެން ޖެހުމުގެ ސަބަބުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ.
އޭގެ އިތުރުން ކޮމިޝަނުން ބެލި ބެލުމުން ފެސިލިޓީގައި މީހަކު އެޑްމިޓް ކުރުމަށް ފަހު ކުއްލި ހާލަތް ތަކުގައި ބަލިމީހުންގެ ކަންކަމުގައި އާއިލާއަށް ގުޅޭނެ ފޯން ނަންބަރެއް ހޯދާކަމާއި، އަދި އެ މީހަކަށް ބަލިމީހާ އެޑްމިޓް ކުރި ވޯޑާއި އެނދު ނަންބަރު އަންގާއިރު ބަލިމީހާގެ ހާލަތު ބަދަލުވާނަމަ ޑޮކްޓަރެއް އެ މައުލޫމާތު އާއިލާއަށް ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވާކަން ފާހަގަ ކުރެވިފައި ވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ. އަދި ބަލިމީހުންގެ މައުލޫމާތު އާއިލާތަކަށް ފޯރުކޮށް ދިނުމަށް ވަކި ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް އެ ފަރާތަށް ވޯޑުތަކުން މައުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި އާއިލާތަކަށް ބަލިމީހާގެ މައުލޫމާތު ފޯރުކޮށް ނުދެވޭކަން ވެސް ފާހަގަ ކުރެވިފައި ވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
ހަމައެހެންމެ ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައް ކަމެއް ތަހައްމަލު ކުރަން ޖެހޭ އިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ނުދެވޭކަން ފާހަގަ ވާކަމަށާއި އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަކީ ބާރު އަޅާ ކަމެއް ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ..
އެޗްއާރްސީއެމުން ބުނީ ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތް ކުރުވާކަމާ އަދި މިހާ ގިނައިރު މަސައްކަތް ކުރުވާއިރު އެ މުވައްޒަފުންނަށް މުސާރަ ވެސް ނުދިނުމުގެ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންކަމުގެ ތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުން ދާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.