ވައިގަދަވެ ސަލްޓަންޕާކުގެ ގަހެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވައިގަދަވެ ސަލްޓަންޕާކުގެ ގަހެއް ވެއްޓި ލިލީމަގު އެއްކޮށް ބަންދުވެފައިވާ ކަމަށެވެ. އަދި ވެއްޓުނު ގަސް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މާލެއަށް ވައިގަދަވެ، މަގުމައްޗަށް ގަސްތައް ވެއްޓި ހާދިސާތައް ވަނީ ހިނގާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވެ އުދައަރާފާނެތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ދ. އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.

މެޓް އޮފީހުން ބުނީ ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ އެންމެންވެސް ހާއްސަކޮށް ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.