ގއ. ދާންދުއިން ކޮވިޑަށް ޕޮޒިޓިވްވެ އިތުރު ފަރުވާއަށް އެއަތޮޅު ވިލިނގިލީ ކޮވިޑް ފެސިލިޓީއަށްގެންގޮސް ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ދާންދޫ ކައުންސިލުން ބުނީ ވިލިނގިލީ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ އުމުރުން 68 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއަދުގެ 3 ވަނަ މަރާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 151 އަށް އަރާފައެވެ.

މިއަދު ވަނީ އުމުރުން 79 އަހަރުގެ ދިވެއްސަކާއި 56 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. މި ދެ މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮއްވާ މަރުވި ދެ މީހުންނެވެ.

މިއަދު މިހާތަނަށް 3 މީހުން މަރުވެފައިވާ އިރު އިއްޔެ މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ މި ހިނގާ މޭ މަހުއެވެ. މި މަހު މިހާތަނަށް 78 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

އެގޮތުން މި މަހުގެ 24 ވަނަ ދުވަހަކީ ކޮވިޑް ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. އެ ދުވަހު ޖުމްލަ 13 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.