މއ. މޯނިން ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 32 މީހުންގެ ތެރެއިން 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީން ބުނެފިއެވެ.
ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޭގެ ހުޅަނގު ފަރާތު އިމާރާތް ދިރި ނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ގޭގައި 5 އާއިލާއެއްގެ 32 މީހުން އުޅޭ އިރު އޭގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. މިހާރު އެޗްޕީއޭގެ އިރުޝާދާ އެކު އެ މީހުން ކޮވިޑް ފެސިލިޓީ އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިޒާސްޓާއިން ބުނެއެވެ.
އެ އޮތޯރިޓީން ގިޔާސުއްދީން ސްކޫލުގައި އިވެކުއޭޝަން ފެސިލިޓީ އެއް ގާއިމް ކޮށްފައިވާ އިރު ދެ އިމާރަތަކަށްވާ ގޮތަށް ހުންނަ މޯނިން ވިގު ގޭގައި އުޅުނު 56 މީހަކު އިވެކުއޭޝަން ސެންޓަރަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭ 18 އަހަރުން ދަށުގެ 17 ކުޑަކުދިންވެސް ހިމެނޭ ކަމަށް ޑިޒާސްޓާއިން ބުނެއެވެ. އަދި އިވެކުއޭޝަން ސެންޓަރަށް ގެންދިޔަ ފަރާތްތަކަށް ކެއިން ބުއިމުގެ ކަންތައް އެ އިދާރާއިން ހަމަޖައްސާދީފައިވާ ކަމަށް ބުނެއެވެ.
56 މީހުންގެ ތެރެއިން މޯނިން ވިއު ގޭގެ އިރުމަތީ ފަރާތު އިމާރާތުގައި އުޅުނު ފަރާތްތައް މިހާރު ގެއަށް ގެންގޮސްފައިވާ ކަމަށް ޑިޒާސްޓާއިން ބުނެއެވެ. ހަމައެއާއެކު އަލިފާނުގެ ހާދިސާގައި ގެއްލުންވި ގޭގެ މީހުންނަށް އެންޑީއެމްއޭ އިން ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަންނައުނާއި ތަކެތި ހަމަޖައްސައިދީފިވާ ކަމަށް ވެސް ބުނެއެވެ. އެގޮތުން ވަގުތީ ބޯހިޔާވަހިކަމަށް މާލޭގެ ހަތް ގެސްޓްހައުސް އެއް ވަނީ ހަމަޖައްސާފައެވެ.
އެންޑީއެމްއޭ އިން ވަނީ އެ ގޭގައި ދިރިއުޅުނު މީހުންނަށް ކުރިއަށް އޮތް ތިން ދުވަހު ކެއިން ބުއިން ހަމަޖެއްސުމަށް ދުވާލަކަށް 200 ރުފިޔާ ދީފައެވެ. އަދި ޒަރޫރީ އަންނައުނު ގަތުމަށް 1500 ރުފިޔާ އާއި ކުޑަކުދިންނަށް ބޭނުންވާ ނެޕީ ފަދަ ތަކެއްޗާއި ސައިބޯންޏާއި ޝޭމްޕޫ ފަދަ ސާފުތާހިރުވުމަށް ބޭނުންވާނެ ތަކެތި ވެސް ފޯރުކޮށް ދީފައެވެ.
އެންޑީއެމްއޭ އިން ބުނީ ލިބުނު ގެއްލުމުގެ އެސެސްމެންޓެއް ހަދައި އިތުރު އެހީ ފޯރުކޮށްދޭނެ ކަމަށެވެ. ކުރިއަށް އޮތް ހަފްތާ ތެރޭ އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އެސެސްމެންޓު އެންޑީއެމްއޭ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް އެންޑީއެމްްއޭ އިން ބުނެއެވެ.