ރެސިޑެންޝަލް އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ބަދަލު ގެނެސްފިއެވެ.

ސަރުކާރުން ބުނީ، އިންޓަނެޓް އަގުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަނެޓް ހިދުމަތްތައް ބޭނުންކުރާ ގިނަ މީހުންނަށް ސީދާކޮށް މަހުފީ 30 ޕަސެންޓް ހެޔޮ ވެގެންދާނެ ކަމަށެވެ.

އިންޓަނެޓްގެ ހިދުމަތަށް ބަދަލު ގެންނަނީ 2 ފޭސް އަކަށް ބަހާލައިގެން ނެވެ. އެ ގޮތުން ފުރަތަމަ ފޭސް ގައި ރެސިޑެންޝަލް އިންޓަނެޓްގެ އަގުތައް އަންނަ ޖުލައި މަހުން ފެށިގެން 28 ޕަސެންޓާއި 30 ޕަސެންޓަށް ދަށްކުރާނެއެވެ. އަދި އެންމެ ދަށް ތްރޮޓްލް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ވަނީ ހަމަޖައްސާފައެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ދެވަނަ ފޭސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މި ފޭސްގައި ބަދަލު ގެންނަން ހަމަޖައްސާފައި ވަނީ މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށެވެ.

މިއަދުން ފެށިގެން އިންޓަނެޓް އަގު ހެޔޮކޮށްފައިވާ އިރު، އިންޓަނެޓް ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިހާރު ޖުމްލަ ގޮތެއްގައި ތްރޮޓްލް ސްޕީޑަކީ 1 އެމްބީޕީއެސް އާއި 2 އެމްބީޕީއެސް އާ ދެމެދެވެ. މި ބަދަލާއެކު އެންމެ ދަށް ތްރޮޓްލް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ސަރުކާރުން ބުނެއެވެ.

ތްރޮޓްލް ސްޕީޑް މަތިވުމުން، އިންޓަނެޓުގެ ޒަރީއާއިން ބޭނުން ކުރާ ގިނަ ހިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ހަރަދު އުނިވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން، އާދައިގެ މިންވަރަކަށް އިންޓަަނެޓް ބޭނުން ކުރާ ފަރާތްތަކަށާއި، ސްކޫލް ކުދިންގެ ވީޑިއޯ ކޮންފަރެންސިން ފަދަ ބޭނުންތަކަށާއި، އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް، މި ބަދަލުތަކުގެ މަންފާ ލިބިގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ޕެކޭޖްގެ ތްރޮޓްލް ސްޕީޑުގައި ވެސް އާންމު ބޭނުންތަކަށް އެކަށޭނަ ސްޕީޑެއްގައި އިންޓަނެޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އިންޓަނެޓް ހިދުމަތް ދަށް ކުރި އިރު، 300 ރުފިޔާއަށް ވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރަން ވަނީ ކަނޑައަޅާފައެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، ރާއްޖޭގައި ދޭ އިންޓަނެޓް ހިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ގަވައިދުން ރެގިއުލޭޓް ކުރަމުން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ރެގިއުލޭޓަރީ ފްރޭމްވޯކް ހަރުދަނާ ކޮށް، ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް އިންޓަނެޓް ސްޕީޑް އަދި ކޮލިޓީ މޮނިޓަރިންގެ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައި ވާ ކަމަށް ބުނެއެވެ.

މިހާރު އިންޓަނެޓް އަގާއި ސްޕީޑަށް ގެނައި ބަދަލުތަކުގެ އިތުރަށް ވެސް ހިދުމަތް ހޯދާ ފަރާތްތަކަށް މިއަށް ވުރެ އެކަށޭނަ އަގުތަކެއްގައި ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ކުރެވޭނެ ކަންކަން ހޯދުމަށް އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު އެއްބަސްވުމެއް ވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ރާއްޖޭގައި މިހާރު އެންމެ ފުޅަދާއިރާއެއްގައި އިންޓަނެޓް ފޯރުކޮށް ދެނީ ދިރާގާއި އުރީދޫންނެވެ.