2023 ވަނަ އަހަރު އިދިކޮޅުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓަކީ މިހާރު މާލެ ސިޓީގެ މޭޔަރަށް ހުއްނެވި، ޑރ. މުހައްމަދު މުއިއްޒު ނޫން ކަމަށާއި އެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އޮންލައިން ނޫހެއްގައި އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކަންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށް ބުނެފައި އޮތުމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕް ފުނޑާލުމުގެ މަސައްކަތަކީ ދުރާ ގާތުން ވަރަށް ރޭވުންތެރިކަމާ އެކު ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

އަދި އިދިކޮޅުގެ ލީޑާޝިޕް ފުނޑާލުމަށް ތިޔަ ކުރެވެނީ ބޭކާރު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވީއެވެ. ހަމައެއާއެކު އެ މަގްސަދު ހާސިލް ނުވާނެ ކަމަށާއި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިތިބީ ވަރަށް ބަދަހިކޮށް ރައީސް ޔާމީނާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮންލައިން ނޫހެއްގައި އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވާދަކުރަން ނެރޭނެ ކެންޑިޑޭޓަކީ މުއިއްޒު ކަމަށް ބުނެފައިވާއިރު މިކަން ޑރ. މުއިއްޒު ވެސް ވަނީ ދޮގު ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ، އޭނާއޭ ކިޔައިގެން ދޮގު ވާހަކަތަކެއް ފަތުރަން މަސައްކަތް ކުރި ނަމަވެސް މާލެ ސިޓީގެ ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވައި ޑރ. މުއިއްޒު ވަނީ މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރައްވާފައެވެ. އޭނާއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރި އިރު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާ ޝިޕުން ބުނެފައި ވަނީ އެ އިންތިހާބުން ރައްޔިތުންގެ ބަސް އިއްވައިފި ކަމަށެވެ. މުއިއްޒުއަށް މާލޭގެ މޭޔަރުކަން ކާމިޔާބު ވުމަކީ ރައްޔިތުން ބޭނުން ވަނީ ރައީސް ޔާމީންގެ ސިޔާސަތުކަން ދޭހަވާ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.