ހިޔާ ފްލެޓް ތަކުގެ ފިނިޝިންގް މަސައްކަތް ކުރުމަށްޓަކައި ދާ ހަރަދުތައް ޕެންޝަން ފަންޑުން ހަމަޖެހޭނެ ގޮތެއް ހަދައިދިނުމުގައި މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒާއި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)ގެ ހިޔާލު ތަފާތު ވެއްޖެއެވެ.

ހިޔާ ފްލެޓްތައް ނިންމުމުގެ މަސައްކަތާ ގުޅޭޭގޮތުން މާލެ ސިޓީގެ މޭޔަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް ކުރަންޖެހޭ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން އެ ފްލެޓް ލިބިފައިވާ އާންމު ރައްޔިތުންގެ ޕެންޝަން ފަންޑްގެ ފައިސާއިން އެ މަސައްކަތަށް ހަރަދު ކުރުމުގެ އިހްތިޔާރު ދިނުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އެޓުވީޓަށް ރައްދު ދެއްވާ ރީކޯ މޫސަ ވިދާޅުވީ ޕެންޝަން ފަންޑުގައި ފައިސާ ނެތް ކިތަންމެ ބަޔަކަށްވެސް ފްލެޓް ލިބުން އެކަށީގެންވާ ކަމަށާއި މާލީ ތަނަވަސްކަމެއް ނެތްނަމަ އެފަދަ ފަރާތްތަކަށް ގޮތެއްހޯދަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ސިޓީ ކައުންސިލަށް ގާނޫނީ ބާރުއޮތްނަމަ ލޯނު ނެގުން ކަމަށާއި ޕެންޝަން ފަންޑަށް ބަދަލު ގެނެވޭނީ ގާނޫނުން ކަމަށެވެ.

ހިޔާ ފްލެޓްގެ އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް އެ ފްލެޓްތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުން ފަދަ ނުނިމި ހުރި ފިނިޝިންގް މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ. މި މަސައްކަތަށް ބޮޑެތި ހަރަދުތަކެއް ދާއިރު އެ ފްލެޓްތަކުގެ ކުލި ދައްކަމުން އެވަރުގެ ބޮޑު ހަރަދުތަކެއް ކުރަންޖެހިފައިވާތީވެ ފްލެޓް ލިބިފައިވާ އެތައް ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓު އިއުލާންކޮށް ބައެއް ކެޓެގަރީތަކުން ފްލެޓްތަކުގެ ހައްގުވެރިންގެ މެދުގައި ގުރުއަތުވެސް ނަގައި ނިންމައިފައިވާއިރު ސަރުކާރުން ވަނީ ކުރިޔަށް އޮތް ޖޫން މަސް ތެރޭ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށޭވަރު ވާނޭކަމަށް ލަފާކޮށްފައެވެ.