ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ރަޝިއާގައި އުފައްދާފައިވާ ސްޕަޓްނިކް ވެކްސިންގެ ދެ ލަައްކަ ޑޯޒް އޯޑަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން އިއުލާން ކޮށްދެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވިދާޅުވީ، ވެކްސިން ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ރަޝިއާގައި އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ރާއްޖެ ގެންނަން މަސައްކަތް ކުރާ ކަަމަށެވެ. އެގޮތުން އެ ވެކްސިންގެ 2 ލައްކަ ޑޯޒް އޯޑަރުކުރަން މަސައްކަތް ކުރަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓަރު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލިބުނު ވެކްސިންގެ އަދަދު:

  • ކޮވިޝީލްޑް ވެކްސިން: 2 ލައްކަ ޑޯޒް އިންޑިއާއިން ހަދިޔާ ކުރި
  • ކޮވިޝީލްޑް ވެކްސިން: 12000 ޑޯޒް ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި
  • ކޮވިޝީލްޑް ވެކްސިން: 1 ލައްކަ ޑޯޒް ސަރުކާރުން ގަތީ
  • ސިނޯފާމް ވެކްސިން: 1 ލައްކަ ޑޯޒް ޗައިނާއިން ހަދިޔާ ކުރި
  • ފައިޒާ ވެކްސިން: 5850 ޑޯޒް ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި

މިވަގުތު ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޯކް އަންނަނީ މަދުވަމުންނެވެ. ވެކްސިން ގެނައުމަށް ރާއްޖެއިން ވަނީ ކޮވިޝީލްޑްގެ 2 ލައްކަ ޑޯޒް އާއި ސިނޯޕާމްގެ 1 ލައްކަ ޑޯޒް ގަތުމަށް އެގްރިމެންޓަ ހަދާފައި ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދުނިޔޭގައި މިވަގުތު ކޮވިޑްގެ ހާލަތު އޮތް ގޮތުން މިވަގުތު އެ ވެކްސިންތައް ލިބުމުގައި ދަތިުތަކެއް ހުރި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއް ވިއެވެ.

މި ބައްދަލުވުމުގައި ކޮވިޝީލްއާއި ސިނޯފާމް ވެކްސިން ލިބޭނެ ދުވަހެއް ރައީސް ހާމައެއް ނުކުރައްވައެވެ.