ހައުސްހޯލްޑް ޕާމިޓަށް އެދިފައިވާ ފަރާތްތަކަށް މާދަމާގެ ހެނދުނު ފާސް ލިބޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހައުސްހޯލްޑް ޕާމިޓަށް މިހާރު އެދިފައިވާ ހުރިހާ ފަރާތްތަކުގެ ފާސްތައް މާދަމާގެ ހެނދުނު 08:00 ގެ ކުރިން އެފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

އެޕާމިޓަށް އެދޭއިރު ކަރަންޓް މީޓަރު ނަންބަރު ޖެހުމަށް ފުލުހުން ވަނީ ހަނދާން ކޮށްދީފައެވެ.

ފުލުހުން ބުނީ ބައެއް ފަރާތްތަކުން ފެންމީޓަރު ނަންބަރު ޖަހާއިރު ރިކުއެސްޓް ފޮނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތަށް ފޮނުވާ ރިކުއެސްޓް ރިޖެކްޓް ކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާދަމާ އިން ފެށިގެން ތަންފީޒް ކުރަން ފަށާ ގައިޑްލައިންގެ ދަށުން ހެނދުނު 08:00 އިން ހަވީރު 04:00 އާ ދެމެދު ޒަރޫރީ ކަންކަމުގައި ބޭރަށް ނުކުންނަ އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ހައުސްހޯލްޑް ޕާމިޓްއަށް އެދޭނީ މި ލިންކު މެދުވެރިކޮށެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި މާދަމާ އިން ފެށިގެން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގަން ނިންމާ އެނޫން ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މިގޮތަށް ބޭރަށް ނިކުތުމަށްވެސް ކޮންމެ ގެއަކަށް ދެ ހުއްދަ ފުލުހުން ދޫކުރާނެއެވެ.

މިއާއެކު އަމިއްލަ އޮފީސްތަކުންވެސް ވީވަރަކުން މުވައްޒަފުން އޮފީހަށް ނުނެރެ ގޭގައި ބައިތިއްބައިގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭ އިން ބާރު އަޅައެވެ.