މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ނިންމައިފިއެވެ.

މަޖިލީހުން ބުނީ އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ބޭނުންވާ އިންތިޒާމުތައް މަޖިލީހުން މިހާރު ކުރަމުންދާ ކަމަށެވެ.

މިގޮތަށް ނިންމީ ކޮވިޑް-19 ގައި ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޖަލްސާތައް ކުރިއަށް ގެންދަން ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ކޮވިޑާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އަދަދު ދަނީ ދުވަހެއް ދުވަހެއް މައްޗަށެވެ.

އެހެން ކަމުން ރައްކާތެރި ވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް މާދަމާއިން ފެށިގެން ހަރުކަށި ކުރާ ގޮތަށް ވަނީ ނިންމާފައެވެ.

ކޮވިޑުން ރައްކާތެރި ވުމަށް ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ބުނެފައި ވާއިރު މާލޭގައި ކޮވިޑުން ރައްކާތެރި ވުމަށް މި މަހުގެ ކުރީކޮޅުވެސް ވަނީ ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގުމުގެ އިތުރުން ސްކޫލްތައް ބަންދު ކުރުމާއި ޖަމާއަތުގައި މިސްކިތް ތަކުގައި ނަމާދު ނުކުރާ ގޮތަށް ފިޔަވަޅުތަކެއް އަޅާފައެެވެ. އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް އާންމުން ވައްދައިގެން ހިދުމަތް ނުދިނުމާއި ޖިމްތަކާއި ސެލޫންތައް ވެސް ބަންދު ކުރަން ވަނީ އަންގާފައެވެ.