ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހުންނަ އިމާރާތުގައި ސިފައިން ހަދަމުންދާ ފުލޫ ކުލިނިކް 70 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުން ކުރަމުންދާ މި މަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދަނީ، ސާވިސްކޯގެ ދަށުން މަސައްކަތްކުރާ ޔުނިޓްތައް ކަމުގައިވާ މިލިޓަރީ އިނޖިނިއާސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެފްއޭއެމްގައި ތަރައްގީކުރަމުންދާ ކޮވިޑް ފެސިލިޓީގައި ސިފައިން މަސައްކަތްކުރަނީ

އެމްއެންޑީއެފުން ބުނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މި މަސައްކަތް ސިފައިންނަށް ހަވާލު ކުރުމާއެކު، ސިފައިން އެ މަސައްކަތް ފަށާފައިވަނީ މޭއި،17، 2021 ގައި ކަމަށެވެ.

އެ ދުވަހުން ފެށިގެން ހުއްޓާނުލައި ސިފައިން މަސައްކަތްކުރަމުންދާއިރު، އެތަނުގެ ތެރޭގައި ކުރަންޖެހުނު މުހިންމު ބައެއް މަސައްކަތްތައް އަވަސްކަމާއެކު ކުރެވެމުންދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެގޮތުން، އެތަނުގައި ކަރަންޓް ވަޔަރުކުރުމާ، ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާ، އެތަނުގެ ތެރޭގައި ހަރުކުރަންޖެހޭ ސީސީޓީވީ ކެމެރާ ހަރުކުރުމާ، ކުލަލުމާ އަދި ކުރަންޖެހުނު ބައެއް ސިމެންތި މަސައްކަތްތައް ވެސް ސިފައިން ކުރަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ސިފައިން ކުރަމުންދާ މި މަސައްކަތުގައި، ސަރުކާރުގެ އެހެނިހެން އެޖެންސީތަކާއި ކުންފުނިތަކުން ވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާ، އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ އިތުރުން އެސްޓީއޯ އަދި ވެމްކޯ ހިމެނޭކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތުގައިވެސް ސިފައިން ބައިވެރިވެފައި ވެއެވެ.