މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން މާލޭގެ މަގުތައް ދޮވެ ޑިސްއިންފެކްޓް ކުރަން ފަށައިފިއެވެ.

މަސްމާރުކޭޓް ސަރަހައްދުން މިކަން އިފްތިތާހް ކޮށްދެއްވަމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރަން ނިންމާފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ހެލްތް މިނިސްޓްރީގެ ވެސް އެދުމުގެ މަތިން ކަމަށެވެ.

ސިޓި ކައުންސިލުން ވަނީ މާލޭގެ ހުރިހާ މަގުތައް ދޮވެ ޑިސްއިންފެކްޓް ކުރަން ނިންމާފައެވެ. އަދި މާލޭގެ މަގުތަކުގެ އިތުރުން ހުޅުމާލެއާ ވިލިމާލޭގެ މަގުތައްވެސް ސާފުކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން ވަނީ މާލެސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ދެފަރާތުން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް އެޗްޕީއޭއާ ނިމިދިޔަ ހަފްތާގައި ބައްދަލުކޮށްފައެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ސާފުކުރަމުންދާނީ އެންމެ ގިނައިން މީހުން ބޭނުންކުރަމުންދާ މަގުތަކާއި ސަރަހައްދުތައް ކަމަށެވެ. އެގޮތުން އެންމެ ގިނަ މީހުން އެއްވެ އުޅޭ ސަރަހައްދުތައްކަމަށްވާ ހުރިހާ މާރުކޭޓުތައް ކައިރީއާ، ފެރީ ޓާމިނަލްތަކާ، އަދި މަގުތަކުގެ ތެރެއިން އައިޖީއެމްއެޗް ހުންނަ ކަނބާ އައިސާރަނި ހިނގުން ހިމެނެއެވެ.

މާލޭގެ މަގުތައް ދޮވެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ކޮވިޑްގެ ބަލިމަޑުކަން މިސަރަހައްދުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އިއްޔެ މުޅި ރާއްޖެއިން ޖުމްލަ 1،603 މީހުން ކޮވިޑަށް ޕޮސިޓިވްވި އިރު މީގެ ތެރެއިން 1،025 މީހުން ޕޮޒިޓިވްވެފައި ވަނީ މާލޭ ސަރަހައްދުންނެވެ.