ފިލިޕިންސް އަދި އިންޑޮނޭޝިއާއިން ނަރުހުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ 100 ޕްރޮފެޝަނަލް ނަރުހުން ބޭނުންވާކަމަށް ބުނެފައެވެ. އަދި މުސާރައިގެ ގޮތުގައި 9،060 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު އެހެނިހެން އެލަވަންސްގެ ގޮތުގައި ޖުމުލަ 10،440 ރުފިޔާ ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޝަރުތުތަކުގައި ހިމެނެނީ، ބެޗްލާސް އޮފް ސައިންސް އިން ނާސިންގް ހާސިލްކޮށްފައިވުމާއެކު 150 އެނދު ހުރި ހޮސްޕިޓަލެއްގައި ސިއްހީ ފަރުވާ ދިނުމުގައި ދެއަހަރު ދުވަހުގެ ތަޖުރިބާ ހުރުމާ ނުވަތަ ނާސިންގް އިން ޑިޕްލޮމާ ހާސިލްކޮށް 150 އެނދު ހުރި ހޮސްޕިޓަލެއްގައި ސިއްހީ ފަރުވާ ދިނުމުގައި ދެއަހަރުދުވަހުގެ ތަޖުރިބާ ހުރުމެވެ.

ހެލްތް މިނިސްޓްރީން ވަނީ ފިލިޕިންސް އަދި އިންޑޮނޭޝިއާގެ ރައްޔިތުންގެ ތެރެއިން މި މަގާމަށް ޝަރުތުހަމަވާ އަދި ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ފޯމު ހުށައެޅުމަށް އެދިފައެވެ.

މީގެ ކުރިން ރާއްޖޭން ބޭރުން އެންމެ ގިނައިން ނަރުހުން ރާއްޖެ ގެންނަނީ އިންޑިއާއިންނެވެ. ނަމަވެސް މިހާރުގެ އިންޑިއާގެ ކޮވިޑް ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ހެލްތް މިނިސްޓްރީން ފިލިޕިންސް އާއި އިންޑޮނޭޝިއާއިން ނަރުހުން ހޯދަން އިއުލާނުކޮށްފައިވާއިރު ދާދިފަހުން އެޗްއީއޯސީން ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓުންނަށް ފަރުވާދިނުމަށް ވަގުތީގޮތުން މަސައްކަތްކުރާނެ ނަރުހުން ހޯދުމަށްވެސް އިއުލާންކޮށްފައެވެ.