މިދިޔަ 2020 ވަނަ އަހަރުން ފާއިތުވީ ކޮންމެ ސިކުންތަކީ، ދުނިޔޭގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް މީހަކު، އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލި ދިޔަ ސިކުންތެއް ކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

އިންޓާނަލް ޑިސްޕްލޭސްމަންޓް މޮނިޓަރިންގެ ސެންޓާ (އައިޑީއެމްސީ) އާ ނޯވޭޖިއަން ރެފިއުޖީ ކައުންސިލް (އެންއާރްސީ) އިން މިއަދު އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، 2020 ވަނަ އަހަރުގެ ކޮންމެ ސިކުންތަކީ، ހަމަނުޖެހުންތަކާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން، ކޮންމެވެސް މީހަކު އަމިއްލަ ވަޒަނުގައި ރެފިއުޖީއަކަށް ވީ ސިކުންތެއް ކަމަށެވެ. އަދި މިއާއެކު، އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު، ރެކޯޑް މިންވަރަކަށް އުފުލިފައި ވާ ކަމަށެވެ.

އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލުމުގެ ހިތްދަތި ކަމާ ރެކޯޑް އަދަދެއްގެ ބަޔަކަށް ކުރިމަތިލާން ޖެހިފައި އޮތް ދަނޑިވަޅަކީ، އަދާ ޖެހުނުއިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖެހިފައިވާ އޮތް ވަގުތެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަކީ، އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލިދާ މީހުންގެ އަދަދު ދަށްވުމަށް މަގުފަހި ކުރާނެ ކަމެއް ކަމަށް، އޮބްޒާވަރުން މީގެ ކުރިން އޮތީ ލަފާކޮށްފައެވެ.

ނަމަވެސް ގުދުރަތީ ގޮތުން ކުރިމަތިވި ތޫފާންތަކާ، ދިގުލާ ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން، އަމިއްލަ ގައުމުގައި، 40.5 މިލިއަން މީހެއްގެ ގެދޮރު ގެއްލުނު ކަމަށް އައިޑީއެމްސީއާއި އެންއާރްސީގެ ގުޅިފައިވާ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

މިއީ ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައިވެސް ރެކޯޑް ކޮށްފައި ނުވާ ހާ މަތީ އަދަދަކަށް ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 55 މިލިއަންގެ ރެކޯޑް ފާހަގައަށް އަރާފައެވެ.

މިއީ ރެފިއުޖީންގެ ގޮތުގައި ބޯޑަރު ހުރަސް ކުރި 26 މިލިއަނެއްހާ މީހުންނާ އަޅާ ބަލާއިރު، 2 ގުނައަށް ވުރެވެސް އިތުރު އަދަދެކެވެ. އަދި މިއީ ސިހުން ގެނުވަނިވި ހޯދުންތަކެއް ކަމަށް، އެންއާރްސީގެ އޮސް އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

މިދިޔަ އަހަރު އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލުނު މީހުންގެ ތެރެއިން 4 ބައިކުޅަ 3 ބައި މީހުންނަކީ، މޫސުމީ ކާރިސާތަކުގެ ސަބަބުން ގެދޮރު ގެއްލިދިޔަ މީހުންނެވެ.