މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެމްކޯގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުވުމަށް ފަހު މުއިއްޒު ވިދާޅުވީ ވެމްކޯގެ އިސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ "ޗާލު މާލެ ސިޓީ" ގެ އަމާޒަށް ވާސިލުވުމަށްޓަކައި ކަމަށާއި މާލެ އަކީ ޗާލު ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.

އެގޮތުން މާލޭގެ މަގުތަކާއި އާންމު ތަންތަނަކީ ސާފުކޮށް ބެލެހެއްޓޭނެ ތަންތަނަށް ހެދުމުގައި ދެފަރާތް ގުޅިގެން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ. މީގެ އިތުރުންވެސް މާލެ ސަރަހައްދަކީ ސާފު، ތިމާވެއްޓާ ރައްޓެހި ތަނަަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް މިހާރުގެ މާލެސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެން މުއިއްޒު ވަނީ ކައުންސިލްގެ ބައެއް ނިންމުންތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެ ނިންމުންތަކުގެ ތެރޭގައި މާލޭގެ ދަތުރުފަތުރާ ގުޅޭ ގޮތުން ބޮޑެތި ކަންކަން ކުރުމަށް ނިންމާފައި ވެއެވެ. އެ ގޮތުން ޕާކިން ޒޯނުތަކުގެ ކުލި 3000 ރުފިޔާ އިން 750 ރުފިޔާ އަށް ކުޑަ ކުރުމާއި މާލޭގައި މަގު ބަންދު ކުރަން ގަވައިދެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

މުއިއްޒު ވަނީ މާލޭ ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު ވެސް އާ ކަންތައްތަކެއް ކުރައްވާން ކަމަށް ވިދާޅުވެފައެވެ. އަދި އެ ކައުންސިލަކީ ވަރުބަލި ވާނެ ކައުންސިލެއް ނޫން ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގެން ފަހުން މާލެސިޓީގެ ކަންތައްތައް މިހާރަށް ވުރެ ރަނގަޅު ކުރުމަށްޓަކައި ވެމްކޯގެ އިތުރުން ދެމި ނިސްޓަރުންނާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާ އިއްޔެ ބައްދަލު ކުރައްވާފައި ވާއިރު މިއަދު މުއިއްޒުު ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާވެސް ބައްދަލު ކުރައްވާފައެވެ.