މުހައްމަދު އަލް-ހަދީދީގެ އަންހެނުން، މާހާ އަލް-ހަދީދީ، އެ ދެމަފިރިންގެ 4 ދަރިން ގޮވައިގެން މިދިޔަ ހުކުރު ދުވަހު، ޝާތީ ރެފިއުޖީ ކޭމްޕަށް ދިޔައީ އެކުދިންގެ ބޮޑުބޭބެ ގާތަށެވެ. އެއީ ފިތުރު އީދުގެ މުނާސަބާ ކަމުން، ކޮންމެވެސް ވަރެއްގެ އުފަލެއްގައި ބައިވެރިވެވޭތޯއެވެ.

ކަން ވީ އެހެނެއް ނޫނެވެ. ހިތުގައި ކުލުނުގެ ވިންދެއްގެ ކަންފުޅުވެސް ނެތް، ޔަހޫދީ އިޒްރޭލުގެ އުދުވާންތަކުގައި އެ އާއިލާގެ ގިނަ މެންބަރުންތަކެއް އެރޭ މި ދުނިޔެއަށް ދޫކޮށްލީ އެންމެ ފަހުގެ ނޭވާއެވެ.

"އެ ކުދިން ތިބީ އީދު ހެދުމުގަ. ކުޅޭ އެއްޗިހި ހިފައިގެން ބޮޑުބޭބެ ގެއަށް ދިޔައީ އީދުގެ ދެވަނަ ދުވަހުގެ އުފަލުގަ ބައިވެރިވާން. އެރޭ އެގޭގަ މަޑުކުރަން ވެގެން، އަހަރެންނަށް ގުޅާފަ ހުއްދަ ހޯދި. ހުއްދަ ދިނީމަ އެކުދިން ތިބީ ވަރަށް އުފަލުން" އަލް-ހަދީދީ ކިޔައިދިނެވެ.

އިޒްރޭލުގެ އުދުވާންތަކުގައި އާއިލާގެ ގިނަ މެންބަރުންތަކެއް މަރުވި މުހައްމަދު އަލް-ހަދީދީ، އޭނާގެ 5 މަހުގެ ތުއްތު ދަރިފުޅާއެކު / ފޮޓޯ: ޓީއެސް

އަލް-ހަދީދީ ދިރިއުޅެނީ، އޭނާގެ ދަރިން، އެ ރޭ ނިދަން ގަސްތު ކުރި ތަނާ މާ ދުރުނޫން ހިސާބެއްގައެވެ.

"ދަންވަރު 1 ޖަހާކަންހާއިރު އެރީ ވަރުގަދަ ހަމަލާއެއް. މުޅި ސަރަހައްދަށް ލޮޅުން އެރި" އަލް-ހަދީދީ ބުންޏެވެ.

"އަހަރެން އުޅުނީ، މަގުމައްޗަށް ނިކުމެ، ވީ ގޮތެއް ބަލަން. އޭރު އަވަށްޓެރި އެކުވެރިއަކު އަހަރެންނަށް ގުޅަނީ. އެ ކޯލާއެކު އަހަރެންނަށް ލިބުނީ ޝޮކެއް. އަހަރެންގެ ދަރިންގެ ބޮޑުބޭބެގެ ގެއަށް ހަމަލާ އަމާޒުވި ވާހަކަ އޭނާ ބުނި" އަލް-ހަދީދީ، ހިތްވަރާއެކު ވާހަކަތައް ހިއްސާ ކުރަމުން ދިޔައެވެ.

އިޒްރޭލުގެ އުދުވާންތަކުގައި އާއިލާގެ ގިނަ މެންބަރުންތަކެއް މަރުވި މުހައްމަދު އަލް-ހަދީދީ، އޭނާގެ 5 މަހުގެ ތުއްތު ދަރިފުޅާއެކު / ފޮޓޯ: މިޑްލްއީސްޓްއައި

އެ ހަމަލާ ވީ، މާހާއާ، އެނާގެ ދަރިން ކަމަށްވާ އުމުރުން 8 އަހަރުގެ ޢަބްދުއްރަޙްމާންއާ، 14 އަހަރުގެ ޝުއައިބު އަދި 11 އަހަރުގެ ޔަޙްޔާގެ މަރަށެވެ. ސަލާމަތްވީ، އުމުރުން އެންމެ 5 މަހުގެ ތުއްތު ދަރިފުޅެވެ.

ރެސްކިއު ޓީމުތަކުން 5 މަހުގެ ދަރިފުޅު ނެގިއިރުވެސް އޮތީ، މަރުވެފައިވާ މަންމަގެ އަތު ތެރޭގައެވެ. ފުރާނަ ސަލާމަތްވިއެއް ކަމަކު، އެ މައުސޫމު ކުއްޖާއަށްވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. މޫނުމަތި ވަނީ ޒަހަމްވެފައެވެ. ކަނާތު ފައި އޮތީ ބިނދިފައެވެ.

އިޒްރޭލުގެ އުދުވާނީ ހަމަލާ، އެ ކުދިން ތިބި ތަނަށް އަމާޒު ކުރީ، އިންޒާރަކާ ނުލައެވެ.

އިޒްރޭލުގެ އުދުވާންތަކުގައި ސުންނާފަތިވި އިމާރާތެއްގެ ދަށުން ސަލާމަތް ކުރި އަލް-ހަދީދީގެ 5 މަހުގެ ދަރިފުޅު / ފޮޓޯ: އިންޑިޕެންޑެންޓް

"އެކުދިން، އެމީހުންނަށް (އިޒްރޭލަށް) ކުރީ ކޮން ކަމެއް؟މި ފަސް މަހުގެ ދަރިފުޅު، އެމީހުންނާ ދިމާއަށް ރޮކެޓް ހަމަލާ ދިނީތަ؟" އަލް-ހަދީދީ ކުރީ ހައްގު ސުވާލެކެވެ.

މާހާގެ ބޭބެ، ޔޫސުފް އަބޫ ހައްތާބުއާ، ޔޫސުފްގެ އަންހެނުން ޔާސްމީން އިބްރާހިމްއާ، އެ ދެމަފިރިންގެ 3 ދަރިން ކަމަށް ވާ 5 އަހަރުގެ ޔަމާން، 10 އަހަރުގެ ބިލާލް އަދި 11 އަހަރުގެ ފިރިހެން ދަރިފުޅުވެސް މަރުވީ އެ ހަމަލާގައެވެ.

އިޒްރޭލުން ވަނީ، ޔޫސުފް އަބޫ ހައްތާބުގެ ގެއަށް ހަމަލާ ދިން ކަން ކަށަވަރު ކޮށްދީފައެވެ. އިޒްރޭލުން ބުނާ ގޮތުގައި އެއީ ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ، ގައްސާމް ބްރިގޭޑްގެ އިސް ކޮމާންޑަރެކެވެ.

އިޒްރޭލުގެ އުދުވާންތަކުގައި އާއިލާގެ ގިނަ މެންބަރުންތަކެއް މަރުވި މުހައްމަދު އަލް-ހަދީދީ، އޭނާގެ 5 މަހުގެ ތުއްތު ދަރިފުޅާއެކު / ފޮޓޯ: ޓްރެންޑްސްމެޕް

އެކަމަކު، އަލް-ހަދީދީ އެކަން ދޮގު ކުރެއެވެ. އަލް-ހަދީދީ ބުނާ ގޮތުގައި އޭނާގެ ޅިޔަނަކީ އާންމު ވިޔަފާރިވެރިއެކެވެ. ވިއްކަނީ ކަރަންޓު ސާމާނާ، ކޮންސްޓްރަކްޝަން ސާމާނު ކަމަށާ، އޭނާއާ ހަނގުރާމަވެރި ގުރޫޕަކާ ގުޅުމެއް ނޯންނަ ކަމަށް ވެސް އަލް-ހަދީދީ ބުނެއެވެ.

އަލް-ހަދީދީ ބުނާ ގޮތުގައި، އިޒްރޭލުން ހެދި ގޯހަކުން މައުސޫމު ކުދިންތަކެއް ފުރާނަ ގެއްލުވާލި ގެއްލުމަކީ، އިންސާފު ކަމުގައި ސާބިތު ކޮށްދެވޭނެ ހަމަ އެއް ގޮތެއްވެސް ނޯންނާނެއެވެ.

އިޒްރޭލުގެ އުދުވާންތަކުގައި އާއިލާގެ ގިނަ މެންބަރުންތަކެއް މަރުވި މުހައްމަދު އަލް-ހަދީދީ، އޭނާގެ 5 މަހުގެ ތުއްތު ދަރިފުޅާއެކު / ފޮޓޯ: ވީއޯވީ

އިޒްރޭލާއި ގައްޒާއާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނުން 227 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، މީގެ ތެރޭގައި 100 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ނަމަވެސް އިޒްރޭލުން ބުނަމުން ދަނީ 150 ހަނގުރާމަވެރިއަކު މަރާލާފައި ވާނެ ކަމަށެވެ. އިޒްރޭލުގެ އުދުވާންތަކުގައި މަރުވާ ހަނގުރާމަވެރިންގެ އަދަދެއް، ގައްޒާއިން ހާމައެއް ނުކުރެއެވެ.