އުރީދޫ އެމްފައިސާއަށް ރަޖިސްޓާ ކޮށްގެން އެ އެޕްލިކޭޝަން ބޭނުންކޮށްގެން ޔުޓިލިޓީ ބިލްތައް ދައްކާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް ދޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

އުރީދޫން ބުނީ، ބިލްތައް ދެއްކުމުގަ އާއި ވިޔަފާރިކުރުމުގައި ގައިދުރުކަން އިސްކޮށް ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރަން ޖެހިފައިވާ މި ދުވަސްވަރު ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމަށް ގިނަ މީހުން އަހުލުވެރިކުރުމުގެ ގޮތުން އެމް-ފައިސާއަށް ރެޖިސްޓާކޮށް ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް ލިބޭދޭން ފަށާފަވާ ކަމަށެވެ. އިއްޔެ ފެށި މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް 500 ރުފިޔާ ކޭޝް-އިން ކުރުމުން އެމް-ފައިސާ ވޮލެޓަށް 50 ރުފިޔާ ޖަމާވާނެ ކަމަށް އުރީދުން ބުނެއެވެ. އަދި އަލަށް ރެޖިސްޓްރޭޝަން ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް 500 ރުފިޔާއަށް ވުރެ މަތިން ޔުޓިލިޓީ ބިލް ދައްކާ ނަމަ ވޮލެޓަށް 25 ރުފިޔާ ޖަމާވާނެ ކަމަށެވެ.

އެމް-ފައިސާ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކުރުމަށް ފަހު އަޕްގްރޭޑް ކުރާށެވެ. އެއަށްފަހު މައުލޫމާތު ފުރާލުމަށް ފަހު އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ، ޕާސްޕޯޓް ކޮޕީ ނުވަތަ ވޯކް ޕާމިޓް ކޮޕީ އަޕްލޯޑްކޮށް ސަބްމިޓް ކުރާނީއެވެ.

އެމްފައިސާގެ އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު މޮބައިލް ނަންބަރު ޖަހާ އެ ހަތަރު އަކުރުގެ ޕިން ނަންބަރު ޖަހާނީއެވެ. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށް ފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާ އަނެއްކާވެސް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމުން ރެޖިސްޓްރޭޝަން ފުރިހަމަ ވާނެއެވެ

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުން ކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.