ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއާއި ލ. ގަމުގައި 12 ގަޑިއިރު ކާފިއު ހިންގަން އެޗްޕީއޭއިން އިއުލާން ކޮށްފިއެވެ.

މިތިން ރަށުގައި ކޮވިޑުން ރައްކާތެރިވުމަށްޓަކައި މާދަމާއިން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އަޅާނެއެވެ. އަދި މި ފިޔަވަލޫތައް އަޅަަފައިވަނީ 7 ދުވަހުގެ މުއްދަތަކަށް ކަމަށް އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނެއެވެ. އެހެންކަމުން އެ ފިޔަވަޅުތައް އަޅާފައިވާ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ.

މިރަށްރަށުގައި ކާފިއު ހިންގުމުގެ އިތުރުން އަޅަފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ހަމައެއާއެކު، އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށާއި ފުވައްމުލައް ސިޓީއާއި ލ.ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓަާލުމަށް ވެސް ވަނީ އަންގާފައެވެ. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމުގެ އިތުރުން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ

މީގެ އިތުރުން ފިހާރަތަކުން ހިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުމަށް ވެސް އެ އެޖެންސީން ބުނެއެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށާއި ނަމަވެސް އެތަންތަނުން ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ކޮވިޑް ކޭސްތަކެއް ފެނި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ލ. ގަން މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.