ފަލަސްތީނަކީ ރާއްޖެއާ 5000 ކިލޯމީޓަރު ދުރުގައި އޮތަސް ރާއްޖޭގެ ހިތުގެ އެއް ފަޅިއެވެ. ތިމާގެ މީހަކު ނެތަސް އާއިލާގެ މީހަކު ނެތަސް އެއީ އާއިލާގެ ބައެކެވެ.

ދިވެހިން ފަލަސްތީނު ދެކެ ލޯބި ވަނީ ފަލަސްތީނާކީ ދިވެހިން ފަދަ މުސްލިމް ގައުމަކަށް ވެފައި ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ މުސްލިމުން މަރާތީއެވެ. އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންގެ ބޮލަށް ބޮން އަޅާތީއެވެ. އަމިއްލަ ދިފާއަށް އުފުލާލާނެ ދިދައެއް ފިޔަވައި ވަސީލަތެއް ނެތް ރައްޔިތުން ގަޔަށް ބަޑި ޖަހާ މަރާތީއެވެ. ގަދަ ބާރުން އޮބާ ބަހައްޓައިގެން ބިން މައްޗަށް ވައްޓާލައި ކަރަށް ފައިން އަރާ ޒުވާނުން ޝަހީދު ކުރާތީއެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި އަޑު އުފުލާ އަންހެނުންގެ ބުރުގާ ގަނޑު ދަމައިގަނެ އިއްފަތް ފޭރޭތީއެވެ. މައިންބަފައިންގެ ކުރިމަތީގައި ތުއްތު ކުއްޖެއް، ކުޑަކުއްޖެއް ނުބަލައި ޝަހީދު ކޮށްލާތީއެވެ. މުސްލިމުންގެ މުގައްދަސް އެއް މިސްކިތް ކަމުގައިވާ މަސްޖިދުލް އަގުސޯގެ ހުރުމަތް ކަނޑާ، އެތަނުގައި ﷲ އަށް އިސްތިޣުފާރު ކުރަން ހުރަސް އަޅާތީއެވެ.

ރާއްޖެއާއި ފަލަސްތީނުގެ ގުޅުން

ރާއްޖެއާއި ފަލަސްތީނަކީ ގާތް ރަހުމަތްތެރިންނެވެ. އެކުވެރިންނެވެ. ދިވެހިން މެދުއިރުމަތީގައި ކިޔަވަން އުޅުނު އިރުއްސުރެ އެކުވެރިކަން އޮވެއެވެ. ޔަހޫދީންގެ ބާރުގައި ދުނިޔޭގެ ޗާޓުން ފަލަސްތީނަށް ޖާގަ ނުދޭން އުޅުނަސް ދިވެހިންގެ ހިތުގައި އެ "މެޕް" އޮތީ ބިންވަޅު ނަގާފައެވެ. އެ ބަދަލެއް ނުކުރެވޭނެއެވެ.

ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމަށް މެެއި 18، 2021 ގައި ހިންގި ހަރަކާތް / ފޮޓޯ: އައިޝަތު ޝާޒުލީން | ދަ ޕްރެސް

ފަލަސްތީނުގައި އެގަމުގެ ރައްޔިތުން ހިނިތުންވުމާއެކު އުޅެމުން ދަނިކޮށް ދުނިޔޭގެ އެތަން މިތާނގައި ހަންފަތުރައިގެން ތިބި އިނގިރޭސީންގެ ހިޔަޅު ރޭވުމުން، ފަލަސްތީނު ބިމަށް ޖަހޫދީން ގެންގޮސް ލުމުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ކޮންމެ ނިކަމެތި ކަމަކީ ދިވެހިންނަށް ލިބުނު ނިކަމެތިކަމެކެވެ. އިނގިރޭސީންގެ އެ ނުރައްކާ އަލަމުގެ ނަތީޖާ މިއަދު އެދަނީ ފެންނަމުންނެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ދައުލަތެއް ނެތި، އުޅެމުން ދިޔަ ޔަހޫދީން މިއަދު ބޭނުންވަނީ ފަލަސްތީން ބިން އެއްކޮށެވެ. ޔަހޫދީންގެ ތެރޭގައި ނިކަމެތިވެގެން ގުލާނުކޮށްކޮށް މަރުވެދާން، ނޫނީ އަމިއްލަ ވަޒަނުގައި ތިބެ މަރުވަންދެން އަނިޔާ ކުރާނެ ކަމަށް އިޒްރޭލުން އޮތީ ބުނެފައެވެ.

ފަލަސްތީނަށް ޔަހޫދީން ގެންގޮސް ލީ އިރު، ރާއްޖެވެސް އޮތީ، އިނގިރޭސީންގެ އަތްދަށުގައެވެ. ކާބޯތަކެއްޗާއި އެނޫންވެސް ގިނަ ކަންކަމަކީ ސީދާ އިނގިރޭސީންގެ ކޮންޓްރޯލުގައި ހުރި ކަންކަމެވެ. އޭރުގެ ވެރިއަކަށް ހުންނެވީ އިބްރާހިމް ނާސިރެވެ. މާޒީ ހިތި ނަމަވެސް އިސްލާމީ ގައުމަކުން ޔަހޫދީ އިޒްރޭލު ބަލައިގަން ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ.

1965 ގައި އެކަން ހިނގައި ދިޔަ ނަމަވެސް 1974 ގައި ސިޔާސީ ގުޅުން ކަނޑާލިއެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިޒްރޭލާ ގާތްކަން އުފައްދާ، އިޒްރޭލުގެ ޓީމުތައް ރާއްޖެވެސް ގެނައެވެ. އޭގެ ތެރޭގައި ދިވެހިންގެ "ލޯ ބަލާ، އޮޕަރޭޝަން ކުރަން" ޓީމެއްވެސް ގެނެސްގެން އުޅުނެވެ. އަދި ހއ. ފިއްލަދޫ/ދައްޕަރުގައި ދަނޑުވެރިކަން ކުރާ ނަމުގައި އެތަނަށްވެސް އަރުވަން އުޅުނެވެ. ނަމަވެސް ދިވެހިންގެ ދެކޮޅުހެދުމާ އެކު އެކަން ނުވީއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުން ދިޔަ ބަދަލުތަކާއެކު، އިޒްރޭލާ އޮންނަ ގުޅުން މާ ބަދަހިވެގެނެއް ނުދެއެވެ. ވިޔަފާރިއާއި އެހެނިހެން މުއާމަލާތްތައްވެސް ކުރިއަކަށް ނުދިޔައެވެ. އެކަންކަން އެކަށީގެންވާ ގޮތެއްގައި ނުކުރެވުނީ ނުވަތަ ނުކުރީ ދިވެހިން އިޒްރޭލު ދެކެ އަންނަ ރުޅި ސަރުކާރުތަކަށް ވެސް އެނގޭތީއެވެ.

ފަލަސްތީނާ އެއްވެސް ބަޔަކު އަޅާ ނުލަނީ ކީއްވެ؟

ފަލަސްތީނާ ދުނިޔެ އަޅާ ނުލަނީ އެއީ މުސްލިމު ގައުމަކަށް ވާތީއެވެ. ދުނިޔޭގެ ވެރިކަން ޔަހޫދީންގެ އަތްދަށުގައި އޮތީމައެވެ. ފައިސާއާއި ފަސާދައިގެ ދަންތުރައިގައި ޖެހިފައި ތިބި އިސްލާމީ ގައުމުތަކުން އަޅާނުލާތީއެވެ. ބާރާއި ނުފޫޒާއި ފައިސާގެ އެހީގައި އިސްލާމީ ގައުމުތައް ސުންނާފަތި ކޮށްލާފައި ވާތީއެވެ. އިސްލާމީ "ލީޑަރުންނަށް ތިއްބެވި ބޭފުޅުން" ދަން ޖައްސާ މަރާފައި ވާތީއެވެ.

ދުނިޔޭގެ މަންމަ ހެދިފައި އޮތް އދ ވެސް ވިކި ހުސްވެފައި އޮތީމައެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ 200 އެތައް މީހަކު މިހާރުވެސް ޝަހީދު ކޮށްލާފައި ވާއިރު، މިހާތަނަށް ކުށްވެރި ކުރީ ފަލަސްތީނުގެ ދިފާއުފައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ ހަރަކާތްތަކެވެ. އިޒްރޭލުން ބޮން އޮއްސަމުން ދިޔަޔަސް އެތަން އެމީހުންގެ ލޮލަކަށް ނުފެނެއެވެ. އެއް ލޯ ހުރީ ކަނުވެފައެވެ.

ދިވެހިން ފަލަސްތީނާ އެކު

ދުނިޔޭން މުސްލިމު އާބާދީތައް ނެތިކޮށްލުމުގެ ޔަހޫދީ ޕްލޭނުގެ ދަށުން ހިންގާ ކަންކަމަކީ ދިވެހިންނާއި އަދި ހިތެއް އޮތް އެއްވެސް އިންސާނަކު ބަލައިގަންނަނާނެ ކަމެއް ނޫނެވެ. ދިވެހިންނެކޭ އެއް ގޮތަށް ދުނިޔޭގެ އެކި ގައުމުތަކުގައި، ޣައިރު މުސްލިމުންވެސް ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލަމުން އެބަދެއެވެ.

ޕަލަސްތީނަށް ތާއީދުކޮށް އެމެރިކާގެ ނިއުޔޯކުގައި ބޭއްވި އިހުތިޖާޖެއް / ފޮޓޯ: ރޮއިޓާސް

އެހެން ނަމަވެސް ދިވެހިންގެ ހިތްތަކުގައި ފަލަސްތީނަށް މި އޮންނަ ލޯތްބާއި އޯގާތެރިކަމަކީ އަދި ތަފާތު ގިންތިއެއްގައި އޮތް ލޯތްބެކެވެ. މަގުތަކާއި ބެލްކަނީތަކަށް ނުކުމެ ހޫރާލާ ދިދައެއްގެ އިތުރުން ދިވެހިން ވަނީ ފަލަސްތީނަށްޓަކައި އެތައް މަސައްކަތްތަކެއް ކޮށް އެތައް އެހީތެރިކަމެއްވެސް ފޯރުކޮށްދީފައެވެ. ފައިސާއާއި ކާބޯތަކެއްޗާއި އަންނައުނާއި، ނިދާނެ ސާމާނާއި އެފަދަ ކިތަންމެ އެހީތެރިކަމެކެވެ. އަދި މިހާރުވެސް ކެނޑިނޭޅި އެފަދަ އެހީ ދިވެހިންގެ ފަރާތުން ފަލަސްތީނަށް ދަނީ ފޮނުވަމުންނެވެ.

ލޯތްބާއެކު ކެމްޕޭނުގެ ދަށުން ފަލަސްތީނަށް ފޮނުވި އެހީ ލިބުމުގެ އުފާ ޕަލަސްތީނު ކުދިން ފާޅުކުރަނީ

ދިވެހިން ފަލަސްތީނާއެކު ތިބޭތީ، ދިވެހިންނަކީ ކޮންކަމެއް ވާނެ ބައެއްތޯ ބުނެ ޖޯކު ޖަހާ ބަޔަކުވެސް އުޅެއެވެ. ނަމަވެސް އެ ފަރާތްތަކަށް ނޭނގޭ ކަމަކީ ދިވެހިންގެ ބާރުގަދަ އެއް ހަތިޔާރަކީ "އިހުލާސްތެރި ދުއާ" ކަމެވެ. ދިވެހިން ބާރު ހޯދާ، އަދި ޝިފާއަށް އެދޭ ފަރާތަކީ ޚާލިގުވަންތަ ﷲ އެވެ. ހުރިހާ ދިވެހިން ފަލަސްތީނަށްޓަކައި ދުއާ ކޮށްދެއްވާށެވެ. ފަލަސްތީނަށް ނަސްރު ދެއްވުން އެދި އަތްތައް އުފުލާށެވެ.