މާލޭގެ ދަތުރުފަތުރަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރެއްވުމަށްޓަކައި މިއަދު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ.

މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް ކައުންސިލްގެ ފަރާތުން ކުރަން ނިންމާފައިވާ ބައެއް މަސައްކަތްތައް ހާމަކޮށްފައިވާ އިރު، މިއަދު ޓްރާންސްޕޯޓް މިނިސްޓަރާ ބައްދަލު ކުރައްވާ މޭޔަރު ވިދާޅުވީ، އެ ބައްދަލުވުމުގައި މާލޭގެ ދަތުރުފަތުރުގެ ކަންކަމާ ގުޅުން ހުރި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަސައްކަތައް އަވަހަށް ނިންމުމަށް ވެސް މަޝްވަރާ ކުރެއްވި ކަަމަށެވެ.

މިނިސްޓަރު ނަހުލާއާއި މުއިއްޒު ބައްދަލު ކުރެއްވީ އޮންލައިން ކޮށެވެ. އަދި އެ ބައްދަލުވުމުގައި ނަހުލާގެ އިތުރުން ޓްރާންސްޕޯޓްގެ ބައެއް މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެން މުއިއްޒު ވަނީ ކައުންސިލްގެ ބައެއް ނިންމުންތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެ ނިންމުންތަކުގެ ތެރޭގައި މާލޭގެ ދަތުރުފަތުރާ ގުޅޭ ގޮތުން ބޮޑެތި ކަންކަން ކުރުމަށް ނިންމާފައި ވެއެވެ. އެ ގޮތުން ޕާކިން ޒޯނުތަކުގެ ކުލި 3000 ރުފިޔާ އިން 750 ރުފިޔާ އަށް ކުޑަ ކުރުމާއި މާލޭގައި މަގު ބަންދު ކުރަން ގަވައިދެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

މުއިއްޒު ވަނީ މާލޭ ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު ވެސް އާ ކަންތައްތަކެއް ކުރައްވާން ކަމަށް ވިދާޅުވެފައެވެ. އަދި އެ ކައުންސިލަކީ ވަރުބަލި ވާނެ ކައުންސިލެއް ނޫން ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.