ގީގު އާއިލާއިން ދިރިއުޅެމުން އަންނަ އެޕާޓްމަންޓްގެ ކުޑަދޮރުން ބޭރު ބަލާލުމުން ފެންނަހާވެސް މަންޒަރަކީ ސުންނާފަތިވެފައިވާ އިމާރާތްތަކާ މަގުތަކެވެ.

ޖެހިގެން ހުރީ ހަދީދީގެ އާއިލާ ދިރިއުޅެމުން ދިޔަ ތަނެވެ. އިރެއްގައި ފުރިހަމަ އާއިލާގެ މަންމައާ 4 ދަރިން މިއަދަ މި ދުނިޔެއަކު ނެތެވެ.

އިރާދާއިގައި އޮތަތީ ގީގު އާއިލާގެ ފުރާނަ ސަލާމަތްވިއެވެ. އެ އާއިލާގެ 3 ޖީލު އެ ގޭގައި ދިރިއުޅެމުންދެއެވެ. ފުރާނަ ހުރީތީ ދިރިހުރި ފަދައިންނެވެ.

ޔަހޫދީ އިޒްރޭލުން ދަންވަރާއި ފަތިހުގެ ވަގުތުގައު ގައްޒާއަށް ހަމަލާ ދެނީ / ފޮޓޯ: އަލްޖަޒީރާ

ގޭތެރޭގައި މަޑުކޮށްލައިގެން ހުރިއިރު ބޯމަތިން ރާންރާންލަފައި އެއް އަޑަކަށް އިވެނީ އިޒްރޭލުގެ ޑްރޯންތަކުގެ އަޑުފަށްގަނޑެވެ. ދުވާލުގެ ވަގުތުތަކުގައިވެސް، ގައްޒާގެ ތެރޭގައި އިޒްރޭލުން ޑްރޯންތައް އުދުއްސަމުން ދަނީ އިންތިހާ ތިރިންނެވެ. ހިތު ހުރި އަމާޒަކަށް ހަމާލަތައް ފޮނުވާލަމުންނެވެ.

މުހައްމަދު ގީގުގެ އުމުރުން އެންމެ 25 އަހަރެވެ. ނަމަވެސް، މިއަދު މުޅި އާއިލާ ބެލެހެއްޓުމުގެ ބުރައަކީ، އޭނާގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.

"ގަޑިއެއްހާއިރަށް ކަރަންޓު ލިބޭ. ދެން އަނެއްކާވެސް ކެނޑޭ. ކަރަންޓު ކޭބަލްތައް މިހުރީ ބުރިބިރުވެފަ. ކަރަންޓެއް ނެތް، އިންޓަނެޓެއް ނެތް، ފެނެއް ނެތް. އެކައްޗެއްވެސް ނެތް. ދެން އަހަރަމެން ކިހިނެއް ހަދަންވީ؟" މުހައްމަދު ސުވާލު ކޮށްލިއެވެ.

އިޒްރޭލުގެ އުދުވާންތަކުގައި ފުރާނަ ސަލާމަތްވި މުހައްމަދު ގީގު،25، އެނާގެ އާއިލާއާއެކު ދިރިއުޅެމުންދާ ގޭގައި / ފޮޓޯ: ސްކައިނިއުސް

މުހައްމަދު އިނގިލި ދިއްކޮށްލީ، ހަލާކުވެފައިވާ ކުޑަދޮރު ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން، އެ ގޮނޑީގައި އިށީނދެލައިގެން އިން، އޭނާގެ، އުމުރުން ދޮށިވެފައިވާ ބައްޕައާ ދިމާއަށެވެ.

"މި ބައްޕަގެ އުމުރުން މިހާރު 81. މި ފާރާއި ކުޑަދޮރު ވެއްޓުނީ ބައްޕަ ގައި މައްޗަށް. އަހަރެން ނިދާފަ އޮތީ ބައްޕައާ ޖެހިގެން. އަހަރަމެން ގައި މައްޗަށް ވެއްޓުނީ ކުޑަދޮރުތައް. ފުރިޖުވެސް ވެއްޓުނީ އަހަރަމެން ގައި މައްޗަށް. އަހަރެންނަށް ހޭލެމުން ބައްޕަ ހޭލެއްވީ." އިޒްރޭލުގެ އުދުވާންތަކުގައި ލިބެމުންދިޔަ ގެއްލުންތަކުގެ ވާހަކަ ހިއްސާ ކުރަމުން މުހައްމަދު ކިޔައިދިނެވެ.

"މި ބައްޕައަށް ރޮކެޓް ހަމަލާ ދެވޭނެތަ؟ މިއީ މުސްކުޅި ފަރުދެއް. އާންމު މީހެއް. ބައްޕައަށް ކީއް ކުރެވޭނީ؟ އެކަމަކު ކަލޭމެން ތި ހަމަލާ ދެނީ މަދަނީ ފަރުދުންނަށް" މުހައްމަދު، އޭނާގެ ހިތުގެ ޝުއޫރުތައް ބޭރު ކުރަމުން ދިޔައެވެ.

އިޒްރޭލުގެ އުދުވާންތަކުގައި ފުރާނަ ސަލާމަތްވި މުހައްމަދު ގީގު،25، ގެ އުމުރުން ދޮށީވެފައިވާ ބައްޕަ / ފޮޓޯ: ސްކައިނިއުސް

ދެން ތިބީ އާއިލާގެ އިތުރު ޖީލެކެވެ. މުހައްމަދުގެ ދަރިންނެވެ. ގާތް އެކުވެރިންގެ ގޮތުގައި އުޅުނު އަވަށްޓެރިން، މިއަދު ދުނިޔޭގައި ނެތީ ކީއްވެކަން، އޭނާގެ ދަރިންނަށް ކިޔައިދޭނެ ގޮތެއް މުހައްމަދަކަށް ނޭނގެއެވެ.

"އެމީހުން އެއްވެސް ކަމެއް ނުކުރޭ. އެކަމަކު އެމީހުން (އިޒްރޭލުން) އެމީހުން (އަވަށްޓެރިން) މަރާލީ. އަހަރަމެން ތިބީ ވަރަށް ބިރުން. އަހަރަމެންނަށް އީދެއް ނުލިބުނު. އޮތްހާވެސް އެއްޗަކީ ބޮން"، އުމުރުން އެންމެ 5 އަހަރު ސޫސޫ ވާހަކަ ދައްކަމުން ދިޔައީ އަރަބި ބަހުންނެވެ. "ބޮން" އެ ލަފުޒު ފިޔަވައެވެ. އިނގިރޭސި ނޭނގޭ ސޫސޫއަށް އެނގޭ، އިނގިރޭސި ހަމައެކަނި ލަފުޒަކީވެސް އެއީއެވެ.

އިޒްރޭލުގެ އުދުވާންތަކުގައި ފުރާނަ ސަލާމަތްވި މުހައްމަދު ގީގު އައިލާ މެންބަރުންތަކެއް، ހަލާކުވެފައި ކުޑަ ދޮރުން ބޭރު ބަލަނީ / ފޮޓޯ: ސްކައިނިއުސް

ގައްޒާގައި ފެން އެބަހުއްޓެވެ. ނަމަވެސް އިސްކުރުތަކާ ހިސާބަކަށް ނުފޯރައެވެ. އިޒްރޭލުގެ ބޮންތަކުން، އެ ފެންހޮޅިތައް ވަނީ ފަޅާލާފައެވެ. ކަރަންޓެއް ނެތެވެ. ދުވާލަކަށް އެންމެ ގިނަ ވެގެންވެސް 2 ގަޑިއެއްހާއިރަށް ކަރަންޓު ލިބެއެވެ. ނަމަވެސް، ޖަނަރޭޓަރުތަކުން ތެޔޮ ހުސްވަނީއެވެ. ތެޔޮ ގެނޭވެނެ މަގުތައްވެސް ވަނީ ސުންނާފަތިކޮށް، ބަންދުކޮށްފައެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ ގިނަ ކުޑަކުދިން ވަނީ މަރުވެފައި/ ފޮޓޯ: އަލް ޖަޒީރާ

ސަމާލުކަން ހުއްޓިފައި ވަނީ އދއިން ހިންގާ ސްކޫލްތަކަށެވެ. މި ސްކޫލްތަކުގެ ކުލާސްތަކަކީ މިހާރު އެތައް އާއިލާގެ ހިޔާވައްސެވެ. އެއްބައެއްގެ ގެތަށް ސުންނާފަތިވެ، ބިމާ ހަމަވެފައި ވާއިރު، އަމިއްލަ ގެތަކުގައި ތިބެން ބިރު ގަންނަ މީހުންގެ އަދަދު ހާހުން ގުނާލެވެއެވެ.

ސްކޫލްތަކުގައި ހިޔާވަހިކަން ހޯދަމުންދާ އާއިލާތަކުން ބުނާ ގޮތުގައި ކޮންމެ 5 މިނެޓަކުން ވައިގެ ހަމަލާއެއް އަމާޒުވެއެވެ. ހުރިހާ ގޮތަކުން ބައްދާލާފައި އޮތް ގައްޒާގެ އާބާދީގެ 70 ޕަސެންޓަކީ މިހާރުވެސް އެހީއަށް ބަރޯސާވެފައިވާ ބައެއް ކަމުން، މިފަދަ އުދުވާންތަކެއްގައި އުފުލަންޖެހޭ ތަކުލީފު ވަކިން ބޮޑެވެ.

އިޒްރޭލުގެ އުދުވާންތަކުގައި ފުރާނަ ސަލާމަތްވި މުހައްމަދު ގީގާއި އޭނާގެ އާއިލާ ދިރިއުޅެމުންދާ ގެއިން ބޭރުން ފެންނަ މަންޒަރު / ފޮޓޯ: ސްކައިނިއުސް

ކެނޑިނޭޅި މިސައިލާއި ބޮމުގެ ހަމަލާތައް ގައްޒާއަށް އަމާޒު ކުރަމުން ދާއިރު، މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ބިރުވެރިކަންވެސް ވަށާލާފައި އޮތް ވަގުތެއް ކަން ހަނދާން ކުރަންޖެހެއެވެ. ފެންނަ މަންޒަރުތަކުން، ކޮވިޑްގެ ހިލަމެއް ގައްޒާގައި ނެތްހެން ހީވި ކަމުގައި ވީ ނަމަވެސް ހަގީގަތަކީ އެއީ އެއް ނޫނެވެ.

ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު، ޑރ އަޝްރަފު އަލް-ގިދުރާ ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓު ކުރާ އެންމެ ބޮޑު ލެބްގެ އޮޕަރޭޝަންތައް ހުއްޓާލާފައި ވާކަމަށެވެ. މިއާއެކު، ގައްޒާގައި ކޮވިޑަށް ޓެސްޓު ކުރުންވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ކޮވިޑް-19 ފެތުރިދާނެ ކަމަށް ބަލާ ގައްޒާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ / ފައިލް ފޮޓޯ: އޭޕީ

އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި ސުންނާފަތި ވެފައިވާ ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ ތެރޭގައި ހުރެ ވާހަކަދައްކަމުން ދިޔަ ނޫސްވެރިޔާ، ސާމީ އަބޫ ސަލީމް ސިފަކުރި ފަދައިން، އަނެއްކާވެސް ބޯމަތިވެގެން އެ ދަނީ އިތުރު ނުރައްކަލެކެވެ.

ގައްޒާގައި ސިއްހީ ހިދުމަތްތައް ދެވޭނެ ވަސީލަތްތަކެއްވެސް މިހާރު ނެތެވެ. ބައިނަލްއަގުވާމީ އެހީއަށް ބޭނުން ވެފައި ވަނީ އޭގެ އެންމެ އިންތިހާއަށެވެ.