ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހި ސިވިލް ސާވިސްގެ ގާނޫނު އަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވާފިއެވެ.

އެ ބިލަކީ، މިދިޔަ އެޕްރީލް މަހުގެ 29 ވިީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރި ބިލެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދިވެހި ސިވިލް ސާވިސްގެ ވަޒީފާތަކަށް ފުރުސަތު ލިބޭ ގޮތަށް ނިޒާމެއް ގާއިމުވެފާ އޮތުމަށް ބަޔާންކޮށްފާވެއެވެ.

ހަމަ އެއާއެކު، ދިވެހި ސިވިލް ސާވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތައުލީމީ ފެންވަރާ، މަސައްކަތުގެ ހުނަރާ، ގާބިލުކަމާ، ތަޖުރިބާއަށް ބެލުމަށްފަހު ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފާވެއެވެ.

އޭގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިސްކަންދިނުމަށް ބާރުއަޅާ އެކަންވެސް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ރައީސް ސޯލިހު އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހި ސިވިލް ސާވިސްގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.