އިޒްރޭލާ ގުޅުން ކަނޑާފަ އޮތް އޮތުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުއްވެރިކުރައްވާ، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކުރައްވާ، ފަލަސްތީނު ދިދައަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ޓްވީޓު ކުރައްވާފައެވެ.

އެ ޓްވީޓު ރިޓްވީޓުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ބޭއިންސާފާ ރާއްޖެއިން އަބަދުވެސް ދެކޮޅުވާނެ ކަމަށެވެ. އަދި ރާއްޖެ އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.

މަބްރޫކު ވަނީ ރާއްޖެ އާ އިޒްރޭލާ ގުޅުން ކަނޑާފަ އޮތް އޮތުން ދަމަހައްޓާނެ ކަން ފާހަގަކުރައްވާ އިޒްރޭލުގެ މުދާ ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހި ރާއްޖެ އާ އިޒްރޭލާ އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވަނީ 1965 ގައެވެ. އަދި 1974 އާ ހަމައަށް ގުޅުހުން ދެމެހެއްޓުމަށްފަހު ވަނީ މެދު ކަނޑާލާފައެވެ. އަދި އެއްބަސްވުންތަކެއް ތަންފީޒު ކުރުމަށް އަލުން 2009 އިން 2014 އަށް ކޮންމެވެސް ވަރަކަށް ގުޅުން ވަނީ ބާއްވާފައެވެ.

ރަމަޟާންމަހުގެ ފަހު ދިހައަކުން ފެށިގެން އިޒްރޭލުން ވަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތައް ދޭން ފަށާފައެވެ. ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.