ފަލަސްތީނާއި އިޒްރޭލާއި ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކާ ހަމަލާ ބަދަލު ކުރުންތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އިންތިހާއަށް ލަސްވުމުގެ އަގަކަށް ވީ، ކުޑަކުދިންތަކެއް ގަތުލުވެ، ދިރިއުޅުންތަކެއް ހަފުސްވެގެން ދިއުން ކަމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، އިލްހާން އުމަރު ވިދާޅުވެއްޖެއެވެ.

އިލްހާން މިހެން ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިންވެސް މިހާރު ތާއީދު ކުރާ ކަމަށް ބައިޑަން ވިދާޅުވި ހަބަރާއެކުގައެވެ. ބައިޑަން މިހެން ވިދާޅުވީ، އިޒްރޭލުގެ ހުދުމުހުތާރު ލީޑަރު، ބެންޖަމީން ނަތަންޔާހޫއާ ފޯނުން ގުޅުއްވާ، ވާހަކަދައްކަވަމުން ކަމަށް ހަބަރު ލިބެއެވެ.

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ދެމުން އަންނަ ސިލްސިލާ އުދުވާނީ ހަމަލާތަކުގައި، ކޮންމެ 1 ގަޑިއިރަކުން 3 ކުދިން ޒަހަމް ވާ ކަމަށް، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ހިލޭ އެހީދޭ ޖަމިއްޔާ، ސޭވް ދަ ޗިލްޑްރަން އިން ވަނީ ބުނެފައެވެ. މި އުދުވާންތަކުގައި މަރުވި ކުޑަކުދިންގެ އަދަދު 59 އަށް އަރާ ކަމަށް ފަލަސްތީނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާއިރު، އަލް ޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މި އުދުވާންތަކުގައި 61 ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޒަހަމްވި ކުޑަކުއްޖެއް / ފޮޓޯ: އޭއެފްޕީ

ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ތާއީދު ކުރެއްވި ކަމުގައި ވީ ނަމަވެސް، ރޮކެޓް ހަމަލާތަކުން ދިފާއުވުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ބައިޑަން ވިދާޅުވި ކަމަށް، ފޯނުކޯލާ ގުޅިގެން ވައިޓްހައުސް އިން އާންމު ކުރި ބަޔާނުގައިވެއެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެމެރިކާ ސަރުކާރުން ތާއީދު ކުރާ ކަމަށް ވައިޓްހައުސް ހާމަ ކުރި ކަމުގައި ވީ ނަމަވެސް، މި އުދުވާންތަކުގެ ތެރެއިން، އެމެރިކާއިން ވަނީ، 753 މިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރު، އިޒްރޭލަށް ވިއްކުމަށް ނިންމާފައެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މިކަން ކުށްވެރި ކޮށްފައެވެ.

ގައްޒާއަށް އަމާޒުކޮށް ޔަހޫދީ އިޒްރޭލުން ހަމަލާދީ އެތައް ކުޑަކުދިންނެއް ދަނީ މަރަމުން / ފޮޓޯ: އޭއެފްޕީ

އެމެރިކާއިން ވަނީ ފަލަސްތީނުގެ މަސްރަހާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން ކުރިއަށް ގެންދާ މަސައްކަތްތަކަށް، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 3 ފަހަރަށް ހުރަސް އަޅާފައެވެ.