ދިގު ދެމިގެންދާ ގޮތެއްގައި ގިނަ ވަގުތު މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެއްގެ މައްޗަށް، އެތައް ސަތޭކަ ބަޔަކު މަރުވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މިފަދަ ރޫހެއްގައި ދުނިޔޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ފުރަތަމަ ދިރާސާގެ ހޯދުންތަކަށް ބިނާ ކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަ ކުރާ ގޮތުގައި، ގިނަ ވަގުތު މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ސްޓްރޯކްއާއި ހިތުގެ ބަލިތައް ޖެހިގެން 2016 ވަނަ އަހަރު، 745000 މީހަކު ވަނީ މި ދުނިޔެއާ ވަކިވެފައެވެ.

މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ދެކުނު އިރުމަތީ އޭޝިއާއާއި ހުޅަނގު ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ މަސައްކަތްތެރިންނަށް ކަމަށް ދިރާސާ ރިޕޯޓްގައިވެއެވެ.

ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވާ ސައުދީ އަންހެނުންގެ އަދަދު އަންނަނީ އިތުރު ވަމުން / ފޮޓޯ: ޑަބްލިއުއީއެފް

ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ހަފުތާއަކު 55 ގަޑިއިރު ނުވަތަ އެއަށްވުރެ އިތުރަށް މަސައްކަތް ކުރުމަކީ، ހަފުތާއަކު 35-40 ގަޑިއިރާ ދެމެދުގެ މަސައްކަތު ވަގުތާ އަޅާ ބަލާއިރު، ސްޓްރޯކް ޖެހުމުގެ ނުރައްކާ 35 ޕަސެންޓަށް އަދި ހިތުގެ ބައްޔެއްގައި މަރުވުމުގެ ނުރައްކާ 17 ޕަސެންޓަށް އިތުރު ކުރާ ކަމެކެވެ.

މަސައްކަތްތެރިންނާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިއެލްއޯ) އާ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާގެ އިތުރު ހޯދުމަކަށް ބަލާއިރު، ގިނަ ވަގުތު މަސައްކަތް ކުރުމުގެ ސަބަބުން މަރުވި މީހުންގެ ގާތްގަނޑަކަށް 3 ބައިކުޅަ 1 ބައި މީހުންނަކީ، މެދު އުމުރުގެ ނުވަތަ ދޮށީ އުމުރުގެ މީހުންނެވެ. އަދި މަރުތައް އާންމުކޮށް މެދުވެރިވެފައި ވަނީ، ގިނަ ވަގުތު މަސައްކަތް ކުރި ދުވަސްވަރުގެ ބަދަލުގައި، ހަޔާތުގެ ފަހުގެ ދުވަސްތަކެއްގައި ކަމަށްވެސް ހޯދުންތަކުން ވަނީ ދައްކާފައެވެ.

އިޓަލީވިލާތުގެ ރޯމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކޮވިޑް-19 ޕޭޝަންޓަކަށް ފަރުވާ ދެނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ދިރާސާ ޓީމުން ފާހަގަ ކުރާ ގޮތުގައި، ގިނަ ވަގުތު މަސައްކަތް ކުރުމުގެ ސަބަބުން މަރުގެ ނުރައްކާ ބޮޑުވާ މައިގަނޑު 2 ސަބަބެއް އޮވެއެވެ. ފުރަތަމަ ކަމަކީ، މަސައްކަތުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ބަލިމަޑުކަމެވެ. ދެވަނަ ކަމަކީ، ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުމުން، ދުޅަހެޔޮ ސިއްހަތަކާ ބީރައްޓެހި އާދަތަކަށް ބަރޯސާވެވުމެވެ. މިސާލަކަށް، ދުންފަތުގެ އިސްތިއުމާލު ކުރުމާ، ނިދި މަދުވުމާ، ކަސްރަތާ ދުރުވުން އަދި ފައިދާއަށް ވުރެ ގެއްލުންދެނިވި ކާނާ ކެއުން ފަދަ ކަންކަން ހިމެނެއެވެ.

މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެއަށްވެސް ނުތަނަވަސް ތަޖުރިބާތަކެއް ކުރަން ޖެހިފައިވާ ހައްސާސީ ދަނޑިވަޅަކަށް ވާއިރު، ގިނަ ވަގުތު މަސައްކަތުގައި އުޅުމުގެ ސަބަބުން މަރާ ކުރިމަތިލާން ޖެހުމުގެ ނުރައްކަލުގެ ޓްރެންޑް އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ގިނަ ވަގުތު މަސައްކަތް ކުރަން ޖެހުމަކީ ނަފްސަށް ގެއްލުން ވާ ކަމެއް / ފޮޓޯ: އާރްޓީއީ

ޑަބްލިއުއެޗްއޯގެ ޓެކްނިކަލް އޮފިސާ ފްރޭންގް ޕެގާ ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ގައުމުތައް ލޮކްޑައުން ކުރުމާއެކު، މަސައްކަތް ކުރާ ވަގުތުގެ އަދަދު 10 ޕަސެންޓް އިތުރު ވެފައި ވާކަމުގެ ހެކި އެބަ ހުރި ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މަސައްކަތުގެ ވަގުތު އިތުރުވުމާ، ފުރާނައަށް ނުރައްކާ ވުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން އަދި ސީދާ ދިރާސާއެއް އާންމު ކޮށްފައެއް ނުވެއެވެ.