ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ދެމުން އަންނަ ސިލްސިލާ އުދުވާނީ ހަމަލާތަކުގައި، ކޮންމެ 1 ގަޑިއިރަކުން 3 ކުދިން ޒަހަމް ވާ ކަމަށް، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ހިލޭ އެހީދޭ ޖަމިއްޔާ، ސޭވް ދަ ޗިލްޑްރަން އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ގައްޒާއިން ހާހަކަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު، އޭގެ ތެރޭގައި 366 ކުޑަކުދިން ހިމެނޭ ކަމަށެވެ. އެއީ މެއި 14، 2021 ވަނަ ދުވަހު ފެށިގެން ދެމުން އަންނަ އުދުވާންތަކަށް ބަލާނަމަ، ކޮންމެ 1 ގަޑިއިރަކަށް، ގާތްގަނޑަކަށް 3 ކުދިން ކަމަށް ސޭވް ދަ ޗިލްޑްރަން އިން ބުނެއެވެ.

އިނގިރޭސިވިލާތުގައި މަރުކަޒުކޮށްގެން ހިންގާ ސޭވް ދަ ޗިލްޑްރަން ޖަމިއްޔާ އިން ވަނީ، ގައްޒާގައި ހިންގަމުންދާ އުދުވާންތައް ހުއްޓުމަކަށް ގޮވާލާފައެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޒަހަމްވި ކުޑަކުއްޖެއް / ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ގައްޒާއިން މިހާތަނަށް 59 ކުޑަކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ސޭވް ދަ ޗިލްޑްރަން އިން ގައްޒާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓާ ޖޭސަން ލީ ވަނީ، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގައްޒާއިން ފަސްދޮޅަހެއްހާ ކުޑަކުދިން މަރާލާފައި ވާ އިރު، ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅެއް އެޅުމުގެ ކުރިން، މިފަދަ ކިތަށް އާއިލާ އޮންނާނެ ތޯ ސުވާލު ކުރައްވާފައެވެ. ހިޔާވަހިކަން ހޯދުމަށް، ދިރިއުޅެމުން އަންނަ އަމިއްލަ ގެއަށް ވައިގެ މަގުން ހަމަލާދީ، އެ ގެތަށް ބިމާ ހަމަ ކުރާއިރު، ކުޑަކުދިން ވަކި ސަލާމަތް ހޯދަން ދުވާނީ ކޮންތަނަކަށް ތޯވެސް ލީ ވަނީ ސުވާލު ކުރައްވާފައެވެ.

އަމިއްލަ ދިފާއަށް ކަމަށް ބުނެ އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތަކަށް ހަފުތާއެއް ވީ އިރު، މަރުވި މީހުންގެ އަދަދު 200 އަށް އަރާފައި ވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހަބަރު ދެއެވެ. އަދި ވައްޓާލާފައި އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދާއިރު، މަރުގެ ލިސްޓު ދިގުވުން އެކަށީގެން ވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޒަހަމްވި ކުޑަކުއްޖެއް (މ) ސަލާމަތް ކުރަނީ / ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ އުދުވާންތަކުގެ ސަބަބުން ހަކަތަ ފޯރުކޮށްދޭ މަގުތައް ވަނީ ސުންނާފަތިވެފައެވެ. އަދި އަސާސީ ހިދުމަތްތަކާއި ކުއްލި ހާލަތުގެ އެހީ ފޯރުކޮށްދިނުމަށް ފުދޭ ވަރަށްވެސް ހަކަތަ ނުލިބުމުގެ މައްސަލަ، ދާދި އަވަހަށް ގައްޒާއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް ސޭވް ދަ ޗިލްޑްރަން އިން ވަނީ ދީފައެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ވެސް ވަނީ މިފަދަ ބަޔާނެއް އާންމު ކޮށްފައެވެ.

ކަން މިހެން އޮތް އިރު، ގައްޒާއަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ އުދުވާންތަކުގެ ޕްރޮޕަގަންޑާ ހަތިޔާރެއްގެ ގޮތުގައި ކުޑަކުދިން "ބޭނުން ކުރަމުން" އަންނަ ކަމަށް ބުނެ، އަވަށްޓެރި އިންޑިއާއިން ދަނީ މީޑިއާއަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ. މި ރައުޔަކީ، އިޒްރޭލުންވެސް ޕްރޮމޯޓް ކުރަމުން އަންނަ ރައުޔެކެވެ.

އިސްރާއީލުގެ އުދުވާންތަކުން ސަލާމަތްވުމަށް ފަލަސްތީނުގެ ފިރިހެން ކުއްޖަކު، އޭނާގެ ކޮއްކޮއާ ބައެއް ސާމާނު އަތްގާޑިޔަލެއްގައި އުފުލަނީ / ފޮޓޯ: އަލްޖަޒީރާ

ގައްޒާއަށް މިހާރު އުމްރާނީ ގޮތުން ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު، 480000 އެއްހާ މީހުންނަށް ފެން ލިބުން އިންތިހާއަށް ދަތިވެ ނުވަތަ އެއް ގޮތަކަށްވެސް ފެން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައި ވާކަމަށް އދއިން ބުނެއެވެ.