އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފިއެވެ.

މަޖިލީހުން ބުނީ ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލު ރައްޔިތުންގެ މަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އިސްރާއީލުން ވައްޓާލި އަލް-ޖަލާ ޓަވަރުގެ ބޭރުގައި ފަލަސްތީނު ފުލުހެއް ފޯރިމަރަނީ / ފޮޓޯ: އަލްޖަޒީރާ

އޭގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިން ނެރެ، މުދަލާ ފުރާނައަށް ގެއްލުންދީ، އަދި، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މިސްކިތުގައި އަޅުކަމުގައި ތިބި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކަކީ ބައިނަލްއަގްވާމީ އެއްބަސްވުންތަކާ ހިލާފު، މެދުއިރުމަތީގެ ސުލްހަވެރިކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް ވެސް އަސަރުކުރާނެ އަމަލެއްކަން މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް އަބަދުމެ އޮންނާނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކުގައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް މަދަދުވެރިވުން މަތީގައެވެ.
މަޖިލިސް

މިއަދު މަޖިލީހަށް ވަނީ ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން ހިންގާ ލާއިންސާނީ އަނިޔާތައް ހުއްޓާލަން ދެން، އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.

އެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

އެކުއްލި މައްސަލާގައޮ އިޒްރޭލުން ރާއްޖެއަށް ފަތުރުވެރިން އައުން އެ އުދުވާން ހުއްޓާލަން ދެން މަނާކުރުމަށް ވެސް ވަނީ ބުނެފައެވެ.