ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން ހިންގާ ލާއިންސާނީ އަނިޔާތައް ހުއްޓާލަން ދެން، އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާފިއެވެ.

އެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން އަމަލު ކުރަމުންދާ ގޮތް ކުށްވެރިކުރުމުގެ ގޮތުން ދިވެހި ދައުލަތުން ކޮންމެވެސް ކަމެއް ކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ

އެގޮތުން އިޒްރޭލުން ރާއްޖެއަށް ފަތުރުވެރިން އައުން އެ އުދުވާން ހުއްޓާލަން ދެން މަނާކުރުމަށް އެކުއްލި މައްސަލާގައި ބުނެއެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމި ފަދައިން އިސްރާއީލުގެ އުދުވާނަށް ނިމުމެއް އަންނަންދެން އިސްރާއީލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް އެކުއްލި މައްސަލާގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގެ ނިސްބަތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.