ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބަޔޯސޭފްޓީ ބަބްލް ސިސްޓަމްގެ ތެރެއިން، ބިދޭސީ ފަތުރުވެރިންނަށް ސްރީލަންކާ އަލުން ހުޅުވާލާފައި ވާ ކަމަށް، ސްރީލަންކާ ޓުއަރިޒަމް ޑިވަލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ)ޣެ ޑައިރެކްޓާ ޖެނެރަލް، ދަންމިކާ ވިޖޭސިންހަ ވިދާޅުވެއްޖެއެވެ.

ދަންމިކަ ވިދާޅުވީ، ސްރީލަންކާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތާއި، އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސްއަށްވެސް މިކަން މިހާރު އަންގަވާފައި ވާނެ ކަމަށެވެ.

ދަންމިކާ ވިދާޅުވީ، ކަނޑައަޅާފައިވާ ސިއްހީ ގައިޑްލައިންގެ އުސޫލާ އެއްގޮތަށް ލަންކާއަށް އެތެރެވާ ބިދޭސީ ފަތުރުވެރިންނަށް، ބަޔޯސޭފްޓީ ބަބްލް ނިޒާމުގެ ތެރެއިން، އެއް ޕްރިވިންސުން އަނެއް ޕްރޮވިންސަށްވެސް ދަތުރު ކުރެވޭނެ ކަމަށެވެ.

މިފަދަ ލުޔެއް ދީފައި އޮން ނަމަވެސް، މިކަން ކުރާ ފަރާތްތަކުން، ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށާ، އެނޫން ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިންޒާރު ކޮށްފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ، ސްރީލަންކާގެ އެކްސްޕޯޓް ވިޔަފާރީގެ ގޮތުގައި ފާހަގަ ކޮށްފައި ވާ ސިނާއަތެކެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރި އެންމެ ހަރުކަށި ފިޔަވަޅުތަކަށް ހިސާބަކަށް ލުއި ދީ، ފަތުރުވެރިންނަށް އެގައުމުގެ ބޯޑަރު ހުޅުވާލި ފަހުން، ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރު ވަމުންނެވެ. ނަމަވެސް ކޮވިޑް-19ގެ 3 ވަނަ ރާޅެއް ކުރިމަތިވެ، ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރިއެވެ.

ނަމަވެސް ބަޔޯސޭފްޓީ ބަބްލްގެ ތެރެއިން އަންނަ ބައެއް ފަތުރުވެރިންނަށް ހުރަސްތަކެއް ކުރިމަތިވި ކަމުގެ ރިޕޯޓް ލިބި، އެކަން ހައްލު ކޮށްފައި ވާނެ ކަންވެސް ދަންމިކާ ވަނީ ފާހަގަ ކުރައްވާފައެވެ.