ސިޔާސީ ފަރާތްތަކުގެ އާއިލާ މީހުންނަށް ބޭންކުތަކާއި، އިންޝުއަރޭންސް ކުންފުނިތަކާ، ފައިނޭންސް ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނޭންސް ރެގިއުލޭޝަނަށް ތިބެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ގެނެސްފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު 21 ގައި ގެޒެޓުގައި ޝާއިއުކުރި އެގަވާއިދުގައި ކުރިން ބުނެފައި ވަނީ، ބޭންކުގެ ބޯޑަށް އައްޔަންކުރާ މީހަކީ ނުވަތަ އޭނާގެ އާއިލާ މީހަކު ކެބިނެޓު މެންބަރެއް ކަމުގައި ނުވަތަ، ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައިވާ މީހަކު ކަމުގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައި ނުވަތަ، ގާނޫނުން އުފައްދާފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ނުވަތަ، އެއްވެސް ސިޔާސީ ޕާޓީއެއް މުހިއްމު މަގާމެއްގައި ހުރި މީހަކަށް ވެގެންނުވާނެ ކަމަށެވެ.

އިއްޔެ ގެޒެޓުގައި ޝާއިއުކޮށް މިހާރު އަމަލުކުރަން ފަށާފައިވާ އިސްލާހުތަކުގައި ކުރިން ބުނި ނުކުތާ ހިމެނޭ މާއްދާއަށް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ގެނެވުނު އިސްލާހުގައި ބުނާގޮތުން ބޯޑުގައި ހިމެނޭ މެންބަރަކީ އެއްވެސް ވުޒާރާއެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެއެވެ.

ހަމަ އެހެންމެ ގާނޫނުން އުފައްދާފައިވާ މުއައްސަސާއެއްގެ ވެރިއެއް ކަމަށް އަދި ސިޔާސީ ޕާޓީއެއްގެ މުހިއްމު މަގާމެއްގައި ހުރި ފަރާތެއް ކަމުގައި ވެސް ވެގެންނުވާނެ ކަމަށް އިސްލާހުގައި ބުނެއެވެ.

އެހެންކަމުން މިހާރު ގަވާއިދު އޮތް ގޮތުން އެފަރާތްތަކުގެ އާއިލާ މީހުންނަށް ބޭންކުތަކުގެ ބޯޑު މެންބަރުކަން ކުރެވޭނެއެވެ.

އެހެން ނަމަވެސް ބޭންކުތަކުގެ ބޯޑުގައި ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އާއިލާ މީހުންނަށް ނުތިބެވޭނެ ކަމަށް އިސްލާހުގައި ވެއެވެ.

އެ އިސްލާހަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ މަޝްވަރާ ކުރުމަށް ފަހު ގެނައި ބަދަލެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.