ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލު މިއަދު ތަސްދީގު ކުރައްވާފިއެވެ.

އެ ބިލަކީ، އެޕްރީލް މަހުގެ 28 ވި ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި ފާސްކުރި ބިލެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމާ، ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާ، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ހިދުމަތްތައް ކުރިއެރުވުމާ، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާ، މަތީ ތައުލީމާއި ތަމްރީނު ތަރައްގީކޮށް ކުރިއެރުވުމާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރާ ގާނޫނެއް ކަމަށެވެ.

އެ ގާނޫނުގެ މައިގަނޑު މަގްސަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާ، ތަމްރީނު ދިނުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. ހަމަ އެއާއެކު، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާ، ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމާ، އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުން ވެސް އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އެ ގާނޫނުގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަގިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާ ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވެގެން ދާނެ ކަމަށެވެ. އޭގެ އިތުރުން ވެސް މަތީ ތައުލީމާ، ތަމްރީނުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާގުޅޭ އެހެނިހެން އުސޫލުތައް ވެސް އެގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް މަތީ ތައުލީމާ، ތަމްރީނުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެންމެހާ މުވައްޒަފުން، އެ ގާނޫނު ތަސްދީގުކުރެއްވުމާ ގުޅިގެން އުފައްދާ އިދާރާއަށް އެހިނދުން ފެށިގެން ބަދަލުވާނެކަށް ވެސް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ އުފެއްދި އޮތޯރިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަންއެވެ.

ރައީސް ސޯލިހު އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ މަތީ ތައުލީމާ، ތަމްރީނުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފާ ވަނީ މިއަދުން ފެށިގެންނެވެ.