މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑްގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ މަގާމުގެ މުއްދަތު ދެ އަހަރަށް އިތުރު ކުރުމަށް މިއަދު ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ އެ ކުންފުނިން މިއަދު ހަވީރު ބޭއްވި، 2021 ވަނަ އަހަރުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގައެވެ. މި ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ވާޗުއަލް ކޮށެވެ.

މި ޖަލްސާގައި ވަނީ އެ ކުންފުނީގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހު ފާސްކުރަން ހުށަހަޅާފައެވެ. މި އިސްލާހު ވަނީ މި ޖަލްސާގައި ވޯޓުގައި ބައިވެރިވި 164 މެންބަރުންގެ ވޯޓާއެކު ފާސްވެފައެވެ. އަދި މި އިސްލާހު ފާސްކުރަން ނޫނެކޭ ބުނެފައި ވަނީ 6 މެންބަރުންނެވެ. އަދި މި ވޯޓުގައި ބައިވެރިވެފައި ނުވާ މެންބަރިންގެ ތެރޭގައި 28 މީހަކު ހިމެނެއެވެ.

ހިންގާ ގަވާއިދަށް މިއަދުގެ ޖަލްސާގައި ގެނެވުނު އިސްލާހުތައް:

  • ހިއްސާދާރުންގެ ޖަލްސާތައް ވަކިތަނަކަށް ހާޒިރުވެގެން ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިއްސާދާރުންގެ އާންމު ޖަލްސާތައް ބޭއްވުން.
  • ޑިރެކްޓަރުންގެ ބޯޑު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބޯޑުގެ ޑިރެކްޓަރުންގެ މަގާމުގެ މުއްދަތު ދެ އަހަރު ދުވަހަށް އިތުރު ކުރުން.
  • ހިންގާ ގަވާއިދުގައި ބޭނުންކޮށްފައިވާ ބައެއް ލަފްޒުތައް މާނަ ކުރުމާއި ހިންގާ ގަވާއިދުގައި ހުރި ބައެއް އިމްލާ ކުށް ފިޔަވާ އިބާރާތް ކުރުން އިސްލާހު ކުރުން.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަކީ މީގެ ކުރިން އަހަރަކު އެއްފަހަރު ބަދަލު އަންނަ ބޯޑެކެވެ. ނަމަވެސް މިއަދު ފާސްކުރި ބަދަލާއެކު މިހާރު އޮތް ބޯޑު ދެން ބަދަލުވާނީ 2 އަހަރު ފަހުންނެވެ.

އެމްޓީސީސީއަކީ 40 އަހަރު ދުވަހުގެ ދިގު ތާރީހެއް އޮތް ކުންފުންޏެކެވެ. އެ ކުންފުނި ވަނީ މިހާތަނަށް ލިބުނު އެންމެ ރަނގަޅު މާލީ ނަތީޖާ އާއި ހިއްސާގެ ފައިދާ މިދިޔަ އަހަރު ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ ހޯދިއެވެ.