ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޗަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވަން ހަމަޖައްސައިފިއެވެ.

އެ ކުންފުނިން ބުނީ، މި މަހުގެ 31 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވަން ހަމަޖައްސާފައިވާ އަހަރީ އާންމު ޖަލްސާއަށް އެ ކުންފުނިގެ ހުރިހާ ހިއްސާދާރުންނަށް ދައުވަތު އަރުވާ ކަމަށެވެ. އަދި އެ ޖަލްސާ ކުރިއަށް ދާނީ އެ ދުވަހުގެ ހަވީރު 4:00 ގައި މައިކްރޮސޮފްޓް ޓީމް މެދުވެރިކޮށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ މިއަދުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަން ވަނީ މި މަހުގެ 4 ވަނަ ދުވަހު އެ ކުންފުނިން އިއުލާން ކޮށްފައެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، އެސްޓީއޯގެ ވެބްސައިޓްގައި ހޮސްޓުކޮށްފައި ވާ ޕޭޖު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ރަޖިސްޓަރީ ވާން ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮންމެ ހިއްސާދާރަކަށް އޭނާގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ، ވޯޓު ދިނުމަށް އައްޔަން ކުރެވޭނީ އެންމެ ޕްރޮކްސީއަކަށެވެ. އެކަކަށް ވުރެ އިތުރު ފަރާތްތަކަށް ޕްރޮކްސީ ދީފައިވާ ހާލަތުގައި، ހުށަހަޅާފައިވާ ހުރިހާ ޕްރޮކްސީއެއް ބާތިލް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. ޕްރޮކްސީ ގަބޫލް ކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 މެންބަރުންގެ ޕްރޮކްސީއެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ ހިއްސާދާރުން ޖަލްސާއަށް ރަޖިސްޓަރީ ކުރާއިރު ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ.ކާޑު ހުށަހަޅަންވާނެ ކަމަށާއި އެ ފަރާތުގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ ކާޑު ހިމަނާފައި ނުވާނަމަ، ރަޖިސްޓްރޭޝަން ބާތިލް ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޖަލްސާއަށް ރަޖިސްޓާ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ތަމްސީލް ކުރާ ފަރާތްތަކަށް، ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ އިރުޝާދުތައް އެސް.އެމް.އެސް އަކުން ފޮނުވާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން، މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 3:30 އާއި 3:55 އާއި ދެމެދު، އެސް.އެމް.އެސްގައި ބަޔާންކުރާ ލިންކުން އެސްޓީއޯގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށް ލޮގްއިން ވާންވާނެ ކަމަސް އެ ކުންފުނިން ބުނެއެވެ. އަދި ޖަލްސާގައި ބައިވެރިވާ މެންބަރުން ކަމަށް ބަލާނީ އެ ދުވަހުގެ ހަވީރު 3:55 ގެ ނިޔަލަށް ލޮގްއިން ކޮށްފައިވާ މެންބަރުން ކަމަށް އެ ކުންފުނިން ބުނެއެވެ.