މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިހާބު ވެފައިވާ މޭޔާ އާއި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތާއި މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 4 ވަނަ ދައުރަށް އިންތިހާބުވެފައިވާ މެންބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ މޭޔަރާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 09:00 ގައެވެ. އަދި މާލޭ ސިޓީގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ގޮތުން ރަސްމިއްޔާތު ކުރިޔަށްގެންދާނީ އާންމުންނަށް ނުވަދެވޭ ގޮތަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. އެހެންނަމަވެސް މި ރަސްމިއްޔާތު ޓީވީއެމް އާ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް މޭޔަރަކަށް އިންތިހާބުވެފައިވަނީ އެމްޑީޕީން ކުރިމަތިލި އަނަސް އަބްދުއްސައްތާރާ ވާދަކުރައްވާ ޕީޕީއެމް އިން ކުރިމަތިލާފައިވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ގޮނޑި ކާމިޔާބުކުރައްވާފައިވަނީ 61 ޕަސެންޓުގެ އަގުލަބިއްޔަތުންނެވެ.

ޕީޕީއެމް އިން ވަނީ މިފަހަރުގެ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް ފުރަތަމަ ފަހަރަށް ހޯދާފައެވެ. އެ ޕާޓީއިން 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވާއިރު އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 5 ގޮނޑިއެވެ. އަދި ހަމައެހެންމެ މިފަހަރަކީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަންވެސް އެމްޑީޕީ ފިޔަވާ އެހެން ޕާޓިއަކަށް ލިބުނުފަހަރުވެސް މެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިތުރުން އަތޮޅުތެރޭގެ ސިޓީ ކައުންސިލްތަކާ ރަށު ކައުންސިލަރުންވެސް ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި ރަސްމިއްޔާތު ކުރިޔަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ.

ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 3814 ކެންޑިޑޭޓުން ވާދަކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ކައުންސިލް އިންތިހާބުގައި ވާދަކުރި 2234 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރި 1580 ކެންޑިޑޭޓުންނެވެ.