ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލާ ނުދާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާކޮށް، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އައި ނަމަވެސް އެމަނިކުފާނުގެ ފުރާނަފުޅާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލައެއް ނުދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިހެން ބުނެފައިވާ އިރު، ޓެރަރިޒަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި މިއަދު ވަނީ ހަތް މީހަކު ހައްޔަރު ކޮށްފައެވެ.

މި ފުރުސަތުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަކަށް ހުށަހެޅިފައިވުމީ ނުހަނު ކަންބޮޑުވާކަމެއްކަމުގައި ދަންނަވަމެވެ
މަޖިލިސް

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފުލުހުން މީހާރު ދަނީ ޓެރަރިޒަމް އާ ގުލޭ އަމަލުތައް ހުއްޓުވާ އެފަދަ އަމަލު ހިންގާ ފަރާތްތައް ހައްޔަރު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަން ހިންގަމުން އަންނަނީ ފުލުހުންނާއި ސިފައިން ގުޅީގެންނެވެ. މިފަދަ އޮޕަރޭޝަންއެއް މި ހިންގަނީ މި މަހުގެ 6 ވަނަ ދުވަހު މާލޭގައި ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށެވެ.

އެ ހަމަލާއަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން އެމަނިކުފާނު އަވަހާރަ ކޮށްލަން ދީފައިވާ ހަމަލާއެއްގެ ގޮތުގައި ސަލާމީ ބާރުތަކުންނާއި އެހެނިހެން ސިޔާސީ ފަރާތްތަކުން ސިފަ ކުރެއެވެ. އެ ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އިތުރު ފަރުވާއަށް އެމަނިކުފާނު މިހާރު ވަނީ ޖަރުމަނަށް ވަޑައިގެންފައެވެ.

ފުލުހުން ވަނީ އެ މައްސަލަ އާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި މިހާރު ވަނީ އެ މައްސަލައިގައި 3 މީހަކު ހައްޔަރުވެސް ކޮށްފައެވެ. ހައްޔަރު ކުރި 3 މީހުންގެ ވަނަވަރާއި ފޮޓޯވެސް ވަނީ އާންމު ކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 3 މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އާއި ބޮން ގޮއްވާލި މޭސްތިރިޔާ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް 25 އ އެވެ. 4 ވަނަ މީހާ އަދި އަތެއް ނުވެއެވެ.