އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް 60 ރުފިޔާ ބަހަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމާފއިވާ ކަމަށެވެ. އެއީ މިދިޔަ އަހަރާ އަޅާ ބވަލާއިރު 2 ރުފިޔާގެ އިތުރު ވުމެކެވެ. އެ ކުންފުނިން 2019 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައި ވަނީ 58 ރުފިޔާއެވެ.

އެސްޓީއޯ އިން ހިއްސާއަކަށް ބަހާ އަދަދު މަތި ކުރީ މިދިޔަ އަހަރު ލިބުނު ފައިދާ ބޮޑުވެގެނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު ފައިދާއިން ލިބުނު އެއް ސަބަބަކީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނުގެ ބޮޑުބައެއް އެ ކުންފުނިން ރާއްޖެ ގެނެސްފައި ވާތީއެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ ސާފު ފައިދާގެ ގޮތުގައި 409 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެއީ 2019 ވަނަ އަހަރާ އާޅާބަލާއިރު 35 ޕަސެންޓު އިތުރު އަދަދެކެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އަދި އާންމުކޮށްފައެއް ނުވެއެވެ. އަހަރީ ރިޕޯޓު ނެރުން މި މަހުގެ 15 އަށް ލަސްކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެެއްވެސް އަދި އެކުންފުނިން އިއުލާން ކޮށްފައެއް ނުވެއެވެ.