އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒިޔަރު އިސްތިފުފާ ދެއްވާފާ ވާކަން "ދަ ޕްރެސް" އަށް އެނގުނު ނަމަވެސް އޮޑިޓާ ޖެނެރަލް އޮފީހުގެ މީޑިއާ ކޯޑިނަރު ވިދާޅުވީ، އެކަން އެނގިފައި ނުވާ ކަމަށެވެ.

ޒިޔަތު އިސްތިއުފާ ދެއްވާަ މަޖިލީހުގެ ރައީސަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި، އެ ލިސްޓުގައި ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"... ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" އޭނާ ވިދާޅުވެފައި ވެއެވެ.

ޒޒިޔަތު އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް މިއަދު މަޖިލީހުން އާންމު ކުރި އިރު އޭގާއި އޭނާގެ ނަން އޮވެގެންނެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީއިން އެކުލަވާލި ލިސްޓުގައި އޭނާގެ ނަން އޮތް ނަމަވެސް އެ ލިސްޓުގައި އެމްއެމްޕީއާރުސީ ފައިސާއިން ޒިޔަތަށް ލިބުނު ވަރެއް ނެތެވެ.

އޭނާ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވާގޮތުން ކެމްޕޭން ދުވަސްވަރު ޕާޓީން އޭނާއަށް ފައިސާ ލިބުނު ނަމަވެސް އެއީ އެމްއެމްޕީއާރުސީ ފައިސާކަން އޭނާއަށް އެނގިވަޑައެއް ނުގަންނަވައެވެ.

ޒިއަތަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ކޮއްކޮވެސް މެއެވެ.

މިއަދު ޒިޔަތު އިސްތިއުފާ ދެއްވި އިރު، 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީގެ ރިޕޯޓުގައި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން 119 މީހަކަށް އެމްއެމްޕީއާރުސީގެ ފައިސާ ވަނީ ލިބިފައެވެ.